28 Jan 2015, 18:42
އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން)ގައި އިއްޔެ ގާނާ ކުޅުނު ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި ދެކުނު އެފްރިކާގެ މައްޗަށް 2-1ގެ ނަތީޖާއަކުން ކުރިހޯދައި، މުބާރާތުގެ ކުއާޓަ ފައިނަލަށް ގާނާ ދަތުކޮށްފައި ވާއިރު، އެ މުބާރާތުގައި ކުޅޭ ކޮންމެ ޓީމަކާ ދެކޮޅަށްވެސް މިހާރު ނަތީޖާ ނެރެވިދާނެ ކަމަށް ގާނާގެ ކެޕްޓަން އަސަމޮއާ ގިޔާން ބުނެފި އެވެ.
ގިޔާން ބުނީ މިހާރު އޮތް ގާނާގެ ސްކޮޑާއެކު އެ ޓީމަށް މުބާރާތުގެ ކޮންމެ ޓީމެއްވެސް ބަލިކުރެވިދާނެ ކަމަށެވެ. އަދި ވޭތުވެދިޔަތާ ފަސް އެފްކޮންގައި އޭނާ ބައިވެރި ވިއިރު އަދި މިހާތަނަށް އެންމެ އުނދަގޫ ގްރޫޕަކަށް ދިމާވީ މިފަހަރުގެ މުބާރާތުގެ ގްރޫޕް 'ސީ" ކަމަށާއި، އެ ގްރޫޕުން ސަލާމަތްވާން އެހާ ފަސޭހަ ނުވިކަމަށް ގިޔާން ބުންޏެވެ.
"ފަސް އެފްކޮން މުބާރާތުގައި މީގެ ކުރިން އަހަރެން ބައިވެރިވިން. އަދި މިހާތަނަށް އަހަންނަށް ދިމާވި އެންމެ އުނދަގޫ ގްރޫޕަކީ މިފަހަރު އަހަރުމެން މިއޮތް ގްރޫޕް. މި ގްރޫޕުން ސަލާމަތް ވާން ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު. ނަމަވެސް މިހާރު ގާނާގައި މި އޮތް ސްކޮޑާއެކު މި މުބާރާތުގެ ކޮންމެ ޓީމަކާވެސް އަހަރުމެނަށް ކުރިމަތި ލެވިދާނެ،" ގިޔާން ބުންޏެވެ.
ގިޔާން ބުނީ ދެކުނު އެފްރިކާއާ ދެކޮޅަށް އިއްޔެ އެ ޓީމް ކުޅުނު މެޗުގައި ދެކުނު އެފްރިކާ ލީޑު ނަގާފައި ވަނިކޮށް، ގާނާއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ އެ ޓީމްގެ ރޫހު ވަރުގަދަ ވުމުން ކަމަށެވެ. އަދި މެޗުގެ އެންމެ ފަހު ވަގުތާ ހަމައަށް ޓީމުގެ ހުރިހާ ކުޅުންތެރިންވެސް އުއްމީދޫ ކަނޑާ ނުލައި މަސައްކަތް ކޮށްފައި ވާކަމަށް ގިޔާން ބުންޏެވެ.
އިއްޔެ މެޗާ ބެހޭގޮތުން ވާހަކަ ދައްކަމުން ގާނާ ޓީމުގެ ކޯޗް އަވްރަމް ގްރޭންޓް ބުނީ ގްރޫޕް ސްޓޭޖުގައި އެ ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް، ދެވަނަ މެޗާއި ތިންވަނަ މެޗުގައި ޓީމްގެ ފަރާތުން ވަރަށް ރަނގަޅު މޯޓިވޭޝނެއް ފެނިގެން ގޮސްފައި ވާކަމަށެވެ.
"މަރުގެ ގްރޫޕްގައި ހިމެނި އެ ގްރޫޕުން ސަލާމަތް ވުމަކީ ވަރަށް ރަނގަޅު ކަމެއް. ފުރަތަމަ މެޗުން ބަލިވުމަށްފަހު ދެވަނަ މެޗާއި ތިންވަނަ މެޗުގައި ޓީމްގެ ފަރާތުން ފެނިގެން ގޮސްފައި ވަނީ ވަރަށް ރަނގަޅު މޯޓިވޭޝަނެއް. އިއްޔެގެ ކާމިޔާބީއަކީ އަހަރުމެނަށް ހައްގު ކާމިޔާބީއެއް. އެއީ އެ މެޗުގައި ދެކުނު އެފްރިކާ އަށްވުރެ ރަނގަޅަށް ކުޅުނީ އަހަރުމެން،" ގްރޭންޓް ބުންޏެވެ.
ދެކުނު އެފްރިކާގެ އިތުރުން ސެނެގަލް އާއި އަލްޖީރިއާ އާ ދެކޮޅަށް ވާދަކޮށް، ގްރޫޕް 'ސީ'ގެ ދެވަނަ ޓީމެއްގެ ގޮތުގައި ގާނާ މުބާރާތުގެ ކުއާޓާއަށް ދަތުރު ކޮށްފައި ވަނީ ހަ ޕޮއިންޓާއެކު އެވެ. އަދި ގްރޫޕް 'ސީ'ގެ އެއްވަނަ ހޯދި އަލްޖީރިއާ އަށްވެސް ހަ ޕޮއިންޓް ލިބިފައި ވާއިރު، ގްރޫޕްގެ ދެވަނަ ގާނާއަށް ލިބުނީ ފައިދާ ލަނޑުން އަލްޖީރިއާ އަށްވުރެ ދެ ލަނޑު ދަށް ވުމުންނެވެ.