ކްރިމިނަލް ކޯޓާއި މާފުށީ މެޖިސްޓްރޭޓް ކޯޓު ވީޑިއޯ ލިންކަކުން މިއަދު ގުޅާލައިފި އެވެ.

އެ ޚިދުމަތް ތައާރަފްކޮށްފައި ވަނީ މާފުށީ ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ އެ ކޯޓާއި މާފުށީ މެޖިސްޓްރޭޓް ކޯޓު ވީޑިއޯ ލިންކަކުން ގުޅާލުމުން މީގެ ފަހުން މާފުށީގައި ތިބޭ ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުގެ ބަދަލުގައި ހާޒިރު ކުރާނީ މާފުށީ ކޯޓަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޚިދުމަތުގެ ސަބަބުން ގައިދީން ގެނައުމަށްޓަކައި ޖަލުގެ އޮފިސަރުން ކުރަން ޖެހޭ މަސައްކަތް ލުއިވުމުގެ އިތުރުން ދައުލަތުގެ ބަޖެޓަށް ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށެވެ.

ވީޑިއޯ ލިންކަކުން ކްރިމިނަލް ކޯޓާއި މާފުށީ ކޯޓު ގުޅުވާލުމަކީ ޖިނާއީ އަދުލުގެ ނިޒާމަށް ކުރިއެރުންތަކެއް ލިބި، މައްސަލަތައް އަވަސްވެގެން ދާނެ ކަމެއް ކަމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އިސްގާޒީ އަބްދުﷲ މުހައްމަދު ވިދާޅުވިއެވެ.

ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމާ ހަވާލުވެ ހުންނެވި ޚާލިދު ގާސިމް ވިދާޅުވީ އެ ޚިދުމަތުގެ ސަބަބުން މާފުށިން ކުށެއްގެ ތުހުމަތު ކުރެވޭ މީހުން މާލެ ގެންދިއުމުގެ ޚަރަދުން އަހަރަކު 12 މިލިއަން ރުފިޔާ ކުޑަވާނެ ކަމަށެވެ.