28 Jan 2015, 17:02
މަންމަ އަނިޔާކޮށްގެން ރަކީދޫގައި މިއަދު މަރުވި ދެ އަހަރުގެ މުހައްމަދު އިބްތިހާލުގެ މައްސަލާގައި ދައުލަތުގެ އިދާރާއަކުން އިހުމާލުވެފައިވޭތޯ ބަލަމުން ދާ ކަމަށާއި، އިހުމާލުވެފައިވާނަމަ ޖިނާއީ ދައުވާ ކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.
ޕީޖީ މުހުތާޒު މިއަދު 'ސަން' އަށް ވިދާޅުވީ ދަރިފުޅަށް މަންމަ އަނިޔާ ކުރި ކަމަށް ބުނެ، ފުލުހުންނާއި ޖެންޑާ މިނިސްޓްރީއަށް މައްސަލަ ހުށަހަޅާފައިވާކަން އެގެން އެބަ އޮތް ކަމަށާއި "އެވަރުގެ ކުއްޖަކަށް އަނިޔާ ކުރުމުން ދެ ވަނަ ފަހަރަށް ކުއްޖާގެ މަންމައާ ހަވާލުކުރުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން" ކަމަށެވެ.
"އެހާ ބޮޑަށް މަންމަ އަނިޔާ ކުރާ ކަމަށް ވަންޏާ މަންމައާ ދެ ވަނަ ފަަހަރަށް ބަލަން ހަވާލުކުރުން އެއީ، ސިސްޓަމް ތެރޭގައި އޮއްނަ މައްސަލަ އެއް،" މުހުތާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ތިން ވަކީލުންގެ ޓީމަކުން މިހާރު އެ މައްސަލަ ބަލަމުން ދާ ކަމަށެވެ. އަދި މައްސަލަ ބެލުމަށް ފަހު އެއްވެސް މުއައްސަސާއެއްގެ އިހުމާލެއްވާނަމަ ޒިންމާވާ ފަރާތްތަކުގެ މައްޗަށް ދައުވާ ވެސް ކުރާނެ ކަމަށް މުހުތާޒު ވިދާޅުވި އެވެ.
"ފުތަރަމަ މި ބަލަނީ އިހްމާލެއް ވެފައި އޮތްތޯ، އިހުމާލެއް ވެފައި އޮތިއްޔާ އަޅުގަނޑުމެން އަމުރެއް ނެރޭނަން. ޖެންޑާ މިނިސްޓްރީގައި ވެސް އެކަމާ ޒިންމާވާ ފަރާތްތަކަށް ޖިނާއީ ތަހުގީގެއް ހިންގާނަން އަދި ފުލުހުން ޒިންމާވާ ކަމަށްވަންޏާ ފުލުހުންގެ މައްޗަށް ވެސް ހިންގާނަން،" މުހުތާޒު ވިދާޅުވި އެވެ.
ރަކީދޫ ކައުސިލުގެ ރައީސް އާދަމް ސާމީ މިއަދު 'ސަން' އަށް މިއަދު ވިދާޅުވީ މީގެ ކުރިން ވެސް އިބްތިހާލަށް އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އޭނާގެ މަންމަ އާފިޔާ ނަސޭހަތްތެރިވެފައިވާ ކަމަށެވެ. އަދި އޭގެ ފަހުން ވެސް ތަކުރާރުކޮށް އިބްތިހާލަށް އަނިޔާކުރަމުން ގޮސްފައިވާ ކަމަށް ކައުސިލުގެ ރައީސް ވިދާޅުވި އެވެ.