ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަމުގައި އުއްތަމަ ފަނޑިޔާރުކަމުން ދުރުކޮށްފައި ހުންނެވި ޝިރާނީ ބަންޑާރަ ނައިކަ އެމަގާމަށް އަލުން އިއާދަކޮށްފި އެވެ.

ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ ސްރީލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާގެ ރިޔާސީ ގަރާރަކުން ޝިރާނީ މަގާމަށް އިއާދަކުރެއްވުމާ ގުޅިގެން އުއްތަމަ ފަނޑިޔާރުކަމުގެ މަގާމު އަލުން އެމަގާމް ފުރުއްވަން ފަށްޓަވާފައިވާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރުކަމުގެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ އިސްކުރައްވާފައިވާ މޯހަން ޕެއިރިސްއަށް ސިރިސޭނާ ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވެފައި ވަނީ ޝިރާނީ މަގާމުން ދުރުކުރުމުގެ ކަންތައްތަކުގައި މައްސަލަތަކެއް ހުރީތީ އޭނާ މަގާމުން ދުރުކުރި ކުރުމަކީ ޣައިރުގާނޫނީ ކަމެއް ކަމަށެވެ. އަދި އެހެންވެ، އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ބަލައިގަންނާނީ ޝިރާނީ ކަމަށް ވެސް އެސިޓީފުޅުގައި ވިދާޅުވެފައިވާ ކަމަށް ނޫހުގައިވެ އެވެ.

މަގާމުން ދުރުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ވާތީ އުއްތަމަ ފަނޑިޔާރުގެ ގޮތުގައި ބަލައިގަންނަ ކަމަށް ވިދާޅުވެ، ސިރިސޭނާ ވަނީ ޝިރާނީ އަށް ވެސް ސިޓީފުޅެއް ފޮނުއްވާފަ އެވެ.

ޝިރާނީ މިއަދު ލަންކާގެ ސްޕްރީމްކޯޓަށް ވަޑައިގެންނެވުމުން ގާނޫނީ ވަކީލުން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. ނަމަވެސް އޭނާ މަގާމު އަދާކުރައްވާނީ އެންމެ ދުވަހަކު އެވެ. ސްރީލަންކާ އަށް އައު އުއްތަމަ ފަނޑިޔާރެއް އައްޔަން ކުރުމުގެ މަގު ފަހި ކުރެއްވުމަށް ޓަކައި އޭނާ މާދަމާ މަގާމުން އިސްތިއުފާ ދެއްވާނެ އެވެ.