28 Jan 2015, 16:50
ބެންގްކޮކް (ޖަނަވަރީ28): ތައިލެންޑްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަމުންދަނީ ކަންބޮޑުވާ މިންވަރަކަށް ކަމަށާ މިއީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް ތައި ސަރުކާރުން ބުނެފި އެވެ.
ތައިލެންޑްގެ ދާޚިލީ ކަންކަމުގެ ތެރެއަށް އެމެރިކާ ވަންނަމުންދާ މައްސަލަ ބޮޑުވަމުންދާތީ ބެންކޮކްގައި ހުންނަވާ އެމެރިކާގެ ޝާޒްޑިއެފެއަރ ޕެޓްރިކް މާފީ، ތައި ޚާރިޖިއްޔާއަށް މިއަދު ޙާޒިރު ކުރުމަށްފަހު ޚާރިޖީ ވަޒީރުގެ ނައިބު ދޮން ބްރަމޫދްނާއި އޭނާއަށް އަންގާފައިވަނީ ތައިލެންޑްގެ ދާޚިލީކަންމުގެ ތެރެއަށް އެމެރިކާ ނުވަނުމަށާ އެހެންނޫންނަމަ މައްސަލަ ވަރަށް ގޯސްވާނެ ކަމުގަ އެވެ. އަދި ތައިލެންޑްގެ ދާޚިލީ ކަންކަމަށް ފާޑުވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ޑެނިލް ރަސަލް ދާދިފަހުން ދެއްކެވި ވާހަކަތަކަކީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫންކަމަށް ވެސް ޚާރިޖީ ވަޒީރުގެ ނައިބު ވިދާޅުވި އެވެ.
ތައިލެންޑަށް މިހަފްތާގައި ކުރެއްވި ދަތުރުފުޅެއްގައި އެގައުމުގެ ޗުލަލުންޖްކޯރ ޔުނިވަރސިޓީގައި ދެއްވި އޯޕަން ލެކަޗަރެއްގައި އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ޑެނިލް ރަސަލް ވަނީ ތައިލެންޑްގައި މިހާރު ވެރިކަންކުރާ އަސްކަރީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. ރަސަލް ވިދާޅުވެފައިވަނީ ތައިލެންޑްގެ ޑިމޮކްރެޓިކް ސަރުކާރެއްގެ ވެރިކަން ނިމުމަކަށް ގެނައުމަށްފަހު އެކުލަވާލާފައިވާ އަސްކަރީ މަޖިލީހުން އެގައުމަށް ޑިމޮކްރަސީ ގެނައުމަށް ތާރީޚެއް ކަނޑައަޅާފައިނުވުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށާ އަސްކަރީ މަޖިލީހަކީ ޑިމޮކްރަސީގެ އުސޫލުތައް ގަބޫލުކުރާ މަޖިލީހެއްވެސް ނޫންކަމުގަ އެވެ.
މީގެއިތުރުން މިދިޔަ އަހަރު ތައިލެންޑްގެ ބޮޑުވަޒީރާ ޔަންގްލަކް ޝިނަވަޓްރާ މަގާމުން ދުރުކުރުމަށް ފަހު އެގައުމުގެ ސިފައިން ކުއްލި ޙާލަތު އިޢްލާންކޮށްފައިވާ މައްސަލަވެސް އެމެރިކާގެ ޚާރިޖީ ވަޒީރުގެ އެހީތެރިޔާ ޑެނިލް ރަސަލް ކުށްވެރި ކުރައްވާފައިވެ އެވެ.
ތައިލެންޑަކީ އެމެރިކާއާ ގުޅުންތައް ބޮޑު އަދި ދެކުނު އިރުމަތީ އޭޝިޔާގައިވާ އެމެރިކާގެ ދުވަސްވީ ރަހްމަތްތެރިއެއް ނަމަވެސް ދެގައުމުގެ ދެމެދުގައިވާ ގުޅުންތައް މިފަހަކަށް އައިސްވަނީ ވަރަށްބޮޑަށް ގޯސްވެފަ އެވެ. އަދި ތައިލެންޑަށް ގެންނަމުންދާ ޢަސްކަރީ އިންގިލާބުތަކާ ގުޅިގެން އެމެރިކާވަނީ އެގައުމާއެކު ބާއްވާ ސިޔާސީ ގުޅުންތައް ކުޑަކޮށް އެހީތަކުގެ ބޮޑުބައެއް ކަނޑާލައި ސަލާމަތީކަންކަމުގައި ދެމުން ގެންދާ އެއްބާރުލުންވެސް ހުއްޓާލާފަ އެވެ.
އެމެރިކާގެ މިފިޔަވަޅުތަކާ ގުޅިގެން ތައިލެންޑްވެސްވަނީ އެމެރިކާއަށްވުރެ ބޮޑަށް ޗައިނާއާ ގާތްވުމުގެ ސިޔާސަތުތަކެއް ގެންގުޅެން ފަށާފަ އެވެ. ތައިލެންޑްގެ ދާޚިލީ ކަންކަމާ އެމެރިކާ ބެހެމުންދާ މައްސަލާގައި އެމެރިކާގެ ޝާޒްޑިއެއެފެއަރއާ މުޚާތަބުކުރައްވައި ތައިލެންޑްގެ ޚާރިޖީ ވަޒީރުގެ ނައިބު ދޮން ބްރަމޫދްނާއި ވިދާޅުވެފައިވަނީ ތައިލެންޑްގައި ކަންތައްތައް ކުރާނެ ގޮތް އެނގޭނީ ތައި މަސްއޫލުވެރިންނަށް ކަމަށާއި ތައިލެންޑަކީ އެމެރިކާ ނޫންކަމުގަ އެވެ. މިގޮތުން ކުއްލި ޙާލަތު އިޢްލާން ނުކޮށް ގައުމު ހަމައަކަށް ނޭޅުވޭނެ ކަމަށާ އަދި ތައިލެންޑްގެ އިގްތިސާދުވެސް ސަލާމަތް ކުރެވުނީ ކުއްލި ޙާލަތުގެ ސަބަބުން ކަމަށް ވިދާޅުވި އެވެ. އަދި ކުއްލި ޙާލަތުގެ ސަބަބުން ތައިލެންޑްގެ އާދައިގެ އާންމު ރައްޔިތުންނަށާއި ބޭރު މީހުންނަށް އެއްވެސް ބާވަތެއްގެ ތަކްލީފެއް އުފުލަން ޖެހިފައިނުވާނެކަންވެސް ދޮން ބްރަމޫދްނާއި އެމެރިކާގެ ޝާޒްޑިއެއެފެއަރ އަށް އެންގެވި ކަމަށް ޚަބަރުތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)