28 Jan 2015, 15:44
ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހައިކޯޓަށް ހާޒިރުކޮށް، އެމަނިކުފާނު އެ ކޯޓަށް ހުށަހެޅުއްވި މައްސަލައާ ގުޅޭ މައުލޫމާތުދީފިއެވެ.
މިއަދު 2:20 ގައި ރައީސް ނަޝީދު ހައިކޯޓަށް ހާޒިރުވެވަޑައިގަތީ އެމަނިކުފާނުގެ ގާނޫނީ ޓީމާއެކު އެވެ. ބައްދަލުވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވާފައި ވަނީ އެމަނިކުފާނުގެ ގާނޫނީ ޓީމުންނެވެ.
ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ރައީސް ނަޝީދުގެ ގާނޫނީ ވަކީލާ ހިސާން ހުސައިން ވިދާޅުވީ ހުޅުމާލޭ ކޯޓުގައި އެކުލަވާލި ފަނޑިޔާރުންގެ ބެންޗުގެ ސައްޚަ ކަމާ މެދު ސުވާލު އުފައްދައި ރައީސް ނަޝީދު ޖުޑީޝަލް ސާވިސް ކޮމިޝަނާ ދެކޮޅަށް ހުށަހެޅުއްވި މައްސަލައިގެ ހަތަރު ވަނަ އަޑުއެހުން އަންނަ މަހުގެ ތިންވަނަ ދުވަހަށް ތާވަލްކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އަންނަ މަހުގެ ދެވަނަ ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައާ ގުޅުގެން ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާއާ ގުޅޭގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާނެ ކަމަށް ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވި ކަމަށެވެ. އަދި އެއަށްފަހު ފަހުގެ ތާރީޚެއްގައި އެ އިޖުރާއީ ނުކުތާއާ މެދު ގޮތެއް ނިންމަވާނެ ކަމަށް ފަނޑިޔާރުން ވިދާޅުވި ކަމަށް ވެސް ހިސާން ވިދާޅުވިއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން ނެގި އިޖުރާއީ ނުކުތާގައި އެދިފައި ވަނީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައަކީ ހައިކޯޓުގައި ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރުކުރި މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ދެ ފަނޑިޔާރަކު ވަނީ ދެ ކޯޓެއްގެ ފަނޑިޔާރު ކަމަށް ހަމަޖައްސަވާފައެވެ. އެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ހުސައިން މަޒީދު ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ހަމަޖައްސަވާފައިވާއިރު، ސުޖާއު އުސްމާން ހަމަޖައްސަވާފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށެވެ.
ހައިކޯޓުން އެ މައްސަލައާ މެދު ވަކިގޮތެއް ނިންމުމުގެ ކުރިން އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލައާ ގުޅޭގޮތުން ދައުލަތުން ދައުވާ އުފުލާފައިވާ އެއްވެސް މީހެއްގެ ޝަރީއަތް ކުރިއަށް ނުގެންދިޔުމަށް އެ ކޯޓުން ވަނީ މީގެކުރިން އަމުރެއް ނެރެފައެވެ.