ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގައި މިރޭ މާޒިޔާއާ ދެކޮޅަށް ޕީޑީއާރްއެމް ނިކުންނަ އިރު، އެ މެޗުގައި ސަޕޯޓައުން ދެކެން ބޭނުންވާ ފަދަ މޮޅު ކުޅުމެއް އޭނާގެ ފަރާތުން ފެނިގެން ދާނެ ކަމުގެ ޔަގީންކަން ޕީޑީއާރްއެމްއަށް ކުޅެމުން އަންނަ ގައުމީ ޓީމްގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ދީފި އެވެ.

މެޗާ ބެހޭ ގޮތުން މިއަދު ފޮނުވި މެސެޖެއްގައި ދަގަނޑޭ ބުނީ މިރޭގެ މެޗުގައި އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. އަދި އެ ޓީމަށް ސަޕޯޓުކުރާ ސަޕޯޓަރުން ދަނޑަށް ވަޑައިގެން ޓީމަށް ސަޕޯޓު ކޮށްދިނުމަށް ދަގަނޑޭ ވަނީ އެދިފަ އެވެ.

"މިރޭގެ މެޗުގައި އަޅުގަނޑުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެންނާނެ ކަމުގެ ޔަގީންކަން ދެން. މި މެޗަކީ ރަނގަޅު ފޯރިގަދަ މެޗަކަށް ވާނީ ސަޕޯޓަރުންގެ އެހީއާއެކީ. އެހެން ކަމުން މި މެޗަށް ވީހާ ވެސް ގިނަ ބަޔަކު ދަނޑަށް ވަޑައިން ދެއްވުމަކީ އަޅުގަނދުގެ ވަރަށް ބޮޑު އެދުމެއް،" ދަގަނޑޭ ކުރި މެސެޖުގައި އޭނާ ބުނެފައިވެ އެވެ.

ޕީޕަލްސް ކަޕްގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިރޭ 21:00 ގައި ގަލޮޅު ރަސްމީ ދަނޑުގަ އެވެ. އެ މެޗުގައި މާޒިޔާ އާއި މެލޭޝިއާގެ ޕީޑީއާރްއެމް ބައްދަލު ކުރާ އިރު، އެ ދެ ޓީމް މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފައި ވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލި ނުވެ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާޒިޔާ އާއި ޕީޑީއާރްއެމް ބައްދަލުކުރި މެޗު އެއްވަރު ވެފައި ވަނީ 2-2 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ދެ ފަހަރު ވެސް ލީޑު ނެގީ މާޒިޔާ އެވެ. ނަމަވެސް ޕިޑީއާރްއެމް ވަނީ ފަހަތުން އަރާ ދެފަހަރު މަތިން ވެސް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މިރޭގެ މެޗުގައި ރަނގަޅު، ފޯރިގަދަ ކުޅުމެއް ފެނިގެން ދާނެ ކަމަށް ޕީޑީއާރްއެމްގެ ކޯޗް މުހައްމަދު ފައުޒީ ވެސް ބުނެފައިވާ އިރު، މާޒިޔާގެ ކޯޗް އަލީ ސުޒޭން ވެސް ވަނީ އެނާގެ ވާހަކަތައް ތަކުރާރު ކޮށްފަ އެވެ. "90 މިނެޓު ދަނޑުގައި އިނދެލައިގެން ބަލައިލަން ވޯތު" މެޗެއްގެ ގޮތުގައި މިރޭގެ މެޗު ސުޒޭން ސިފަކޮށްފައިވާ އިރު، ޕީޕަލްސް ކަޕްގައި މިހާތަނަށް އެންމެ ރީތި ކުޅުމެއް ފެނިގެން ގޮސްފައި ވަނީ އެ ދެ ޓީމް ގްރޫޕް ސްޓޭޖުގައި ބައްދަލު ކުރި މެޗުން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.