10 Feb 2011, 00:26
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އުފައްދާ 79 ރަށު ކައުންސިލެއްގެ ވަގުތީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިރޭ އިއުލާންކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ އެގްޒެކެޓިވް ޑައިރެކްޓާ އިސްމާއިލް އަބްދުއްރަހީމް މިރޭ ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން މިރޭ 9:00 އިން ފެށިގެން އިއުލާން ކޮށްފައިވަނީ، 188 ރަށު ކައުންސިލްގެ ތެރެއިން 79 ކައުންސިލްގެ ވަގުތީ ނަތީޖާ ކަމަށެވެ. އަދި އެ ދާއިރާތަކުގެ ނަތީޖާ މިރޭ ނެރެފައިވަނީ، އެ ދާއިރާތަކުގެ ބެހެއްޓި ހުރިހާ ވޯޓު ފޮއްޓެއްގެ ނަތީޖާ އިލެކްޝަންސްއަށް ލިބުމުން، ދެވަނަ ފަހަރަށް ޗެކްކުރުމަށްފަހު ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.
އަދި މިހާތަނަށް ޗެކުކޮށް ނިމިފައިހުރި އިތުރު ދާއިރާތަކުގެ ނަތީޖާ ވެސް މާދަމާ 10:30 އިން ފެށިގެން އިއުލާންކުރާނެ ކަމަށް އިލެކްޝަންސް އިން ބުންޏެވެ.
ކައުންސިލް އިންތިހާބު ނިމުނުތާ ހަތަރު ދުވަސް ފަހުން، އިލެކްޝަންސް އިން ވަގުތީ ނަތީޖާ ނެރެން ފެށިއިރު، އަދިވެސް 30 ޕަސަންޓު ވޯޓު މުޅިން އެއްކޮށް ޗެކުކޮށް ނުނިމޭ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.
"އަޅުގަނޑު ދަންނަވާނީ މިހާރު އަޅުގަނޑުމެންނަށް ވަގުތީ ނަތީޖާގެ ގާތްގަނޑަކަށް 70 ޕަސަންޓުވަރު ނިންމާލެވިއްޖޭ. އެވާގޮތަކީ އަޅުގަނޑުމެން ހުރިހާ އެއްޗެހި ބަލައި ޗެކްކޮށްލަން މިޖެހެނީ. އަށް ހާސް ޝީޓް ޗެކުކުރަން ޖެހޭ. އެ ޗެކެއް ނުކުރެވޭނެތާ އިންސާނުންނަށް މެނުއަލްކޮށް ނޫން ގޮތަކަށް. އެހެންވީމަ ވާގޮތަކީ އަޅުގަނޑުމެންނަށް އެ މަސައްކަތަށް މި ލަސްވަނީ."އިލެކްޝަންސްގެ ނައިބު ރައީސް އަހްމަދު ފަޔާޒް މިއަދު ވިދާޅުވި އެވެ
ޤާނޫނުގައިވާ ގޮތުގައި، އިންތިހާބު ނިމޭ ދުވަހުން ފެށިގެން ދެ ހަފްތާ ތެރޭ ރަސްމީ ނަތީޖާ އިއުލާންކުރަން ޖެހޭއިރު، އިލެކްޝަންސް އިން ބުނެފައިވަނީ މުއްދަތުގެ ތެރޭގައި ރަސްމީ ނަތީޖާ އިއުލާންކުރާނެ ކަމަށެވެ.
ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށް އުފައްދާ 209 ކައުންސިލްގެ ތެރޭގައި ހިމެނޭ ސިޓީ ކައުންސިލާއި އަތޮޅު ކައުންސިލާއި އަދި ރަށު ކައުންސިލްތަކަށް 1091 މީހުން އިންތިހާބުކުރަން ޖެހެ އެވެ.