މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370 އާ ބެހޭ ގޮތުން އެހާދިސާ ތަހުގީގު ކުރި އޮފިޝަލުން ތައްޔާރުކޮށްފައިވާ ވަރަށް ދިގު ރިޕޯޓެއް އެހާދިސާއަށް އެއް އަހަރު ފުރޭ ދުވަހުގެ ކުރީ ދުވަހު އާއްމު ކުރާނެ ކަމަށް މެލޭޝިއާ ސަރުކާރުން ބުނެފި އެވެ.

މެލޭޝިއާގެ ޑެޕިއުޓީ ޓްރާންސްޕޯޓް މިނިސްޓަރު ޢަބުދުލް ޢަޒީޒު ކަޕްރާވީ ވިދާޅުވި ކަމަށް ނޫސްތަކުން ބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ އަށް ވަނަ ދުވަހު ގެއްލުނު މަތިންދާބޯޓާ ބެހޭ ގޮތުން އާއްމުކުރާނީ އެތައް ސަތޭކަ ސަފްހާއެއްގެ މައްޗަށް އެކުލެވޭ ދިގު ރިޕޯޓެއް ކަމަށެވެ. ނަމަވެސް އެރިޕޯޓުގައި މަތިންދާބޯޓަށްވީ ގޮތް ލިޔެފައިވާނެ ކަމެއް ނުވަތަ ނޫންކަމެއް އޭނާ ވިދާޅުވެފައެއް ނުވެ އެވެ.

މެލޭޝިއާގެ ޑިޕާޓްމެންޓް އޮފް ސިވިލް އޭވިއޭޝަނުން އާއްމު ކުރާ އެ ރިޕޯޓަކީ މަތިންދާ ބޯޓުތަކަށް ކުރިމަތިވާ ހާދިސާތަކަށް އަހަރެއް ވުމުން އެހާދިސާއަކާ ބެހޭ ގޮތުން ރިޕޯޓެއް އާއްމު ކުރަން ޖެހޭ ގޮތަށް އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން( އައިކާއޯ) އިން ކަނޑައަޅާފައިވާ އުސޫލުން އާއްމުކުރާ ރިޕޯޓެކެވެ.

މެލޭޝިއާ އެއާލައިންގެ ގެއްލިފައިވާ މަތިންދާބޯޓް އެމްއެޗް370 (ނުވެއްޓި) ކޮންމެވެސްތަނެއްގައި ވެއްޖެ ކަމަށާއި އެ ބޯޓުގައި ވާ މެލޭޝިއަން އެއާލައިންގެ ފާހަގަތައް ފޮހެލާފައި ވެދާނެ ކަމަށް މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މާހާތީރު ބިން މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

މެލޭޝިއާ އެއާލައިންގެ އެމްއެޗް 370 ވީނުވީއެއް ނޭނގި ގެއްލިފައި ވަނީ، މިދިޔަ އަހަރުގެ މާޗްމަހުގެ އަށް ވަނަ ދުވަހު، މެލޭޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުން ފުރައިގެން ޗައިނާގެ ވެރިރަށް ބެއިޖިން އަށް ދަތުރުކުރަމުން ދަނިކޮށެވެ. އެބޯޓުން ބޯޓުގެ ފަޅުވެރިންނާއި ފަސިންޖަރުންނާ އެކު ޖުމުލަ 239 މީހުން ދަތުރު ކުރި އެވެ.