އަންނަ އަހަރު ބްރެޒިލްގައި ބާއްވާ އޮލިމްޕިކް ގޭމްސްގައި ފުޓްބޯޅައިގެ ރަން މެޑަލް ގައުމަށް ހޯދަދޭން މަސައްކަތް ކުރާނެ ކަމަށް އެ ގައުމުގެ މައްޝޫރު ފޯވާޑް ނޭމާ ޖޫނިއާ ބުނެފި އެވެ.

މިދިޔަ އޮލިމްޕިކް ގޭމްސް (އޮލިމްޕިކް ގޭމްސް 2012)ގައި ރިހި މެޑަލް ހޯދި ބްރެޒިލްއަށް އޮލިމްޕިކް ގޭމްސްގެ ތާރީހުގައި ވެސް މިހާތަނަށް ފުޓްބޯޅައިގެ ރަން މެޑަލް ހޯދިފައި ނުވާއިރު، ނޭމާ ބުނީ ބްރެޒިލްއަށް އެ ޝަރަފު ހޯދަދޭ ޓީމުގައި އޭނާ ހިމެނޭނެ ކަމަށް ވަރަށް އުންމީދު ކުރާ ކަމަށެވެ. އަދި އެ މެޑަލް ލިބިގެން ދިޔުމަކީ އޭނާ ދުވަހަކު ވެސް ހަނދާނުން ނުނެތޭނެ ވަރުގެ ކަމަކަށް ވެގެން ދާނެ ކަމަށް ނޭމާ ބުންޏެވެ.

"އަމިއްލަ ގައުމުގައި މިފަހަރު އޮލިމްޕިކް ގޭމްސް ބޭއްވިގެން ދާއިރު، އެ މުބާރާތުގެ ރަން މެޑަލް ބްރެޒިލްއަށް ހޯދަދޭ ޓީމުގައި އަހަރެން ހިމެނެން ވަރަށް ބޭނުން. މަރަކައްނާ ސްތޭޑިއަމްގައި އެ ޝަރަފް ލިބިގެން ދިޔުން ވާނީ ދުވަހަކު ވެސް އަހަރެންގެ ހަނދާނުން ފިލައިގެން ނުދާނެ ކަމަކަށް. އެ މެޑަލް ހޯދަން ދަނޑުމަތީގައި އަހަރުމެނަށް ދެއްކުނު އެންމެ ރަނގަޅު ކުޅުން ދައްކާނަން،" ނޭމާ ބުންޏެވެ.

ނޭމާ ބުނީ މިހާތަނަށް އޭނާގެ ފުޓްބޯޅަ ކެރިއާގައި ކުޅެލަން ލިބިފައި ނުވާ ހަމައެކަނި ބޮޑު މުބާރާތަކީ އޮލިމްޕިކް ގޭމްސް ކަމަށެވެ. އަދި އަމިއްލަ ގައުމުގައި އެ ގޭމްސްގައި ކުޅުން އެއީ އޭނާ އަބަދު ވެސް ދެކެމުން އަންނަ ހުވަފެނެއް ކަމަށް ނޭމާ ބުންޏެވެ.

"ބްރެޒިލްގައި ބާއްވާ އޮލިމްޕިކް ގޭމްސް އެއްގައި ކުޅުމަކީ އަހަރެން އަބަދުވެސް ދެކެމުން އަންނަ ހުވަފެނެއް. ބްރެޒިލްގައި ކޮންފެޑަރޭޝަންސް ކަޕްގެ އިތުރުން ވޯލްޑް ކަޕެއްގައި ވެސް މިހާރު ކުޅެލަން ލިބިއްޖެ. އެހެންވީމަ މިޙާނރު ހަމައެކަނި މަދުވަނީ އޮލިމްޕިކް ގޭމްސް. އެ މުބާރާތުގައި ކުޅެލަން ލިބުމަކީ އަހަންނަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް،" ނޭމާ ބުންޏެވެ.

ނޭމާ ބުނީ އޮލިމްޕިކް ގޭމްސް އަކީ ވަރަށް ތަފާތު ކުޅިވަރު މުބާރާތެއް ކަމަށާއި އެ މުބާރާތަކީ ގިނަ އަދަދެއްގެ ކުޅިވަރުތަކެއްގެ މެދުގައި އެކުވެރިކަން އުފައްދާ މުބާރާތެއް ކަމަށެވެ. އަދި އެ މުބާރާތުގައި އެހެން ކުޅިވަރުތަކުގެ އެންމެ މަތީ ފަންތި ހާސިލް ކޮށްފައިވާ އެތުލީޓުންނާ ދިމާވުމަކީ އޭނާ ވަރަށް ހިންހަމަޖެހޭ ކަމެއް ކަމަށް ވެސް ނޭމާ ބުންޏެވެ.