28 Jan 2015, 15:23
ވޭތުވެދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑު)އަށް އައްޑޫ ސިޓީގެ ހިތަދޫ ޕޯޓުގެ އެސިސްޓެންޓް މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖައްސައިފި އެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވި ގޮތުގައި މެޓްރިކްސް މޯޑު ހިތަދޫ ޕޯޓުގެ އެސިސްޓެންޓު މެނޭޖިން ޑިރެކްޓަރުގެ މަގާމު މިއަދު ދެއްވާފައިވާ ކަމަށެވެ. އޭނާ ހަމަޖައްސާފައި ވަނީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯގެ މަގާމަށް ކަމަށް ބައެއް މީޑިއާތަކުން ބުނާ ވާހަކަ އޭނާ ވަނީ ދޮކޮށްފަ އެވެ.
އެމްޑީޕީގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި މަޖީލަށް ހޮވުނު މެޓްރިކްސް މޯޑު ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވެރިކަން ކުރާ ޕީޕީއެމް އަށް ސޮއިކުރައްވައިފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އަށް ވަނަ ދުވަހު އައްޑޫ ސިޓީގައި ހިނގައި ދިޔަ ހަމަނުޖެހުންތަކުގައި ގަން ޕޮލިސް ސްޓޭޝަނަށް ގެއްލުންދިންކަމުގެ ތުހުމަތުގައި މެޓްރިކްސް މޯޑުގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ.