ހަތަރު އަހަރުގެ ކުޑަ ކުއްޖަކަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ މަންމަ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ، ބ. އަތޮޅު ފެމިލީ އެންޑް ޗިލްޑްރެންސް ސާވިސް ސެންޓަރުން ހުށަހެޅި މައްސަލައަކާ ގުޅިގެން ރޭގެ ވަގުތެއްގައި އުމުރުން 27 އަހަރުގެ އަންހެނަކު ބ. އޭދަފުށިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހަތަރު އަހަރުގެ ދަރިފުޅަށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އެ މަންމަގެ ބަންދަށް އެ ރަށު ކޯޓުން ހަތަރު ދުވަހުގެ މުއްދަތެއް ޖަހައިދީފައިވާ ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އޭދަފުށި ކައުންސިލްގެ ނައިބު ރައީސް މުހައްމަދު ނައުރިފު މިއަދު "ސަން" އަށް ވިދާޅުވީ އެ އަންހެން މީހާ އަކީ އޭދަފުށި މީހަކާ އިނދެގެން އުޅޭ ރ. އަލިފުށި މީހެއް ކަމަށެވެ. އަދި އެ މީހާ ހައްޔަރު ކުރީ ރަށު ބަޔަކު ޖެންޑާ މިނިސްޓްރީ އަށް ރިޕޯޓު ކުރުމާ ގުޅިގެން އެ މިނިސްޓްރީ އާއި ފުލުހުންނާ ގުޅިގެން ކަމަށް ވެސް ނައުރިފު ވިދާޅުވި އެވެ.

"އޭނާ އިއްޔެ އަކު މިއަދަކު ކުރާ ކަމެއް ނޫން އެއީ. އޭނަގެ ދަރިފުޅަށް އަނިޔާ ކުރާތާ ވަރަށް ދުވަސްވެއްޖެ. އޭނާގެ ދަރިފުޅަށް ވަނީ ޖިސްމާނީ އަނިޔާތަކެއް ކޮށްފައި. ރޭ ދަންވަރު މިކަމެއް ހިނގީ،" ނައުރިފު ވިދާޅުވި އެވެ.

ނައުރިފް ވިދާޅުވީ މިވަގުތު އެ ކުއްޖާ ހުރީ އޭނާ ބައްޕަގެ އާއިލާ މީހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.