28 Jan 2015, 13:07
ބޮޑެތި ޒަޚަމްތަކާއެކު މަރުވެފައި އޮތް ދެ އަހަރުގެ ކުއްޖަކު ވ. ރަކީދޫ އިން ފެނިއްޖެ އެވެ.
މަރުވެފައި އޮއްވާ ފެނުނު ކުއްޖާގެ ކަންފަތާއި ކުރިމަތިފަރާތުން ޒަހަމްތަކެއް ލިބިފައި ހުރި ފޮޓޯތައެއް "ސަން"އަށް ވަނީ ލިބިފަ އެވެ. އެގޮތުން އެ ކުއްޖާގެ ކުރިމަތިފަރާތުގެ "އުރަވަޅި" ވަރަށް ބޮޑަށް ދުޅަވެފައިވެ އެވެ. ފޮޓޯތަކުން ފެންނަ ގޮތުން އެ ކުއްޖާގެ ކަނައަތް ފަރާތު ކަންފަތުން ބައެއް ވަރަށް ބޮޑަށް ދުޅަވެ، ނޫފައިގެންފައިވެ އެވެ.
ރަކީދޫ ކައުންސިލުގެ ރައީސް އާދަމް ސާމީ މިއަދު 'ސަން' އަށް ވިދާޅުވީ ދެ އަހަރުގެ އެ ކުއްޖާ މަރުވެފައި އޮއްވައި ފެނިފައި ވަނީ އެ ކުއްޖާ ދިރިއުޅޭ ގޭގެ ސިޓިންރޫމުގައި އޮއްވައި މިއަދު 11:45 އެހާކަންހާއިރު ކަމަށެވެ. އަދި ކުއްޖާ މަރުވެފައި ވަނީ ބަޔަކު އަނިޔާކޮށްގެން ކަމަށް ބެލެވޭ ކަމަށް ސާމީ ވިދާޅުވި އެވެ.
"ސިޓިންގް ރޫމަށް ވެއްޓިފައި އޮތް އިރު އެކިވަރުގެ ޒަހަމްތަށް ފެންނަން ހުރި، ވައަތު ކަންފަތް ދުޅަވެފަ އޮތީ، އަދި ކުރިމަތިފަރާތަށް ވެސް ވަރަށް ބޮޑަށް އަނިޔާ ވެފައި ވަނީ، އަނިޔާކޮށްގެން މަރުވެފައިވާ ކަމަށް ބެލެވެނީ، އެކަމަކު ސީދާ މަރާލީއޭ ދަންނަވާކަށް ނުކެރޭނެ" ސާމީ ވިދާޅުވި އެވެ.
މީގެ ކުރިން ވެސް އެ ކުއްޖާއަށް އަނިޔާކޮށްގެން ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ކުއްޖާގެ މަންމައަށް ނަސޭހަތްތެރިވެފައިވާ ކަމަށް ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. މަރުވެފައި ވާ ކުޑަކުއްޖާ މިހާރު ރަކީދޫ ހެލްތް ޕޯސްޓަށް ގެންގޮސްފައިވާ ކަމަށާއި، ވަޅުލުމުގެ ކަންތަށް ކުރިއަށް ގެންދިއުމް މަޑުޖައްސާލާފައި ވަނީ ފުލުހުންގެ ޓީމެއް އެ ރަށަށް ދާތީކަމަށް ސާމީ ވިދާޅުވި އެވެ. ކުއްޖާގެ މަންމަ ވެސް މިހާރު ހަބަރު ހުސްވެގެން ހެލްތޕޯސްޓުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.