ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލިފައިވާ ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންނަށް އެހީތެރިވަމުން އައި ޔުނައިޓެޑް ނެޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ (ޔޫއެންރްވާ) އަށް ފައިސާ ނުލިބިގެން އެ އެޖެންސީ ޣައްޒާގެ ރައްޔިތުންނަށް އެހީދިނުން ހުއްޓާލައިފި އެވެ.

ޔޫއެންރްވާ އިން އިއްޔެ ނެރެނުނު ބަޔާނެއްގައި ބުނެފައި ވަނީ މިދިޔަ އަހަރު މިސްރުގެ ވެރިރަށް ޤާހިރާގައި ބޭއްވި "ޑޯނާސް ކޮންފަރެންސް"ގައި ގައުމުތަކުން ޣައްޒާގެ ރައްޔިތުންނަށް ދިނުމަށް ގައުމުތަކުން ވައުދުވީ އެއްވެސް ފައިސާއެއް އެ ރައްޔިތުންނާ ހަމައަށް ނާންނަ ކަމަށެވެ.

ޔޫއެންރްވާ އިން ކުރަމުން އައި މަސައްކަތަކީ ހަލާކުވެފައިވާ ޣައްޒާގެ ގެތައް އަލުން ބިނާކުރުމަށް މަސައްކަތް ކުރުމާއި ގެދޮރު ގެއްލިފައިވާ މީހުން ، ގެދޮރު ކުއްޔަށް ހިފުމަށް އެހީތެރިވުމުގެ ގޮތުން ސަބްސިޑީ ދިނުމެވެ.

އިސްރާއީލުން މިދިޔަ އަހަރުގެ އޮގަސްޓްމަހާއި ޖުލައިމަހު ޣައްޒާ ރައްޔިތުންނާ ދެކޮޅަށް ހިންގި އުދުވާނުގައި 96000 މީހުންގެ ގެދޮރު ހަލާކުކޮށްލާފައިވެ އެވެ. އެމީހުންނަށް އަލުން ގެދޮރު ހޯދައިދިނުމަށް 720 މިލިޔަން ޑޮލަރު ބޭނުންވެ އެވެ. ޔޫއެންރްވާ އަށް މިއަދާ ހަމައަށް ލިބިފައި ވަނީ އެންމެ 135 މިލިޔަން ޑޮލަރެވެ.
އިސްރާއީލުން ހިންގި އުދުވާނުގައި ޣައްޒާއިން 2000 އަށް ވުރެ ގިނަ ފުރާނަ ގެއްލުނު އިރު އޭގެ ތެރޭގައި 400 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނެ އެވެ.