28 Jan 2015, 12:54
މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ އާބާދިގެ 100 އިންސައްތަ އަށް ތްރީޖީ ނެޓްވޯކްގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށް މުއާސަލާތީ ކުންފުނި، ދިރާގުން ބުނެފި އެވެ.
ދިރާގުން މިއަހަރަށް ރާވާފައި ހުރި ބޮޑަތި މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ދިރާގު ހެޑްއޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްލާއިލް ވަހީދު ވިދާޅުވީ މިއަހަރަށް ރާވާފައިވާ މަޝްރޫތަކުގެ ދަށުން މިއަހަރު ނިމެންވާއިރަށް ރާއްޖޭގެ އާބާދީގެ 100 ޕަސެންޓަށް ތްރީޖީގެ ޚިދުމަތް ފޯރުކޮށްދޭނެ ކަމަށެވެ.
"މިއަހަރު ތެރޭގައި އަޅުގަނޑުމެން ރާވާފައި މިއޮތީ އިރާދަކުރެއްވިއްޔާ ރާއްޖޭގައި މީހުން އުޅޭ ހުރިހާ ރަށަކަށް ތްރީޖީގެ ޚިދުމަތް ފޯރުކޮށްދޭން،" ދިރާގުގެ ސީއީއޯ އިސްމާއިލް ވަހީދު ވިދާޅުވި އެވެ.
އެކަމާގުޅެ އިތުރަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ ބްރޯޑްބޭންޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް މަޝްރޫތަކެއް ފަށައިގެން ކުރިއަށްގެންދާ ކަމަށާއި، އެ މަޝްރޫގެ ފުރަތަމަ މަރުހަލާއަކަށް ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް 1200 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލެއް މިހާރު އަޅާ ނިންމާފައިވާ ކަމަށެވެ.
"2012 ވަނަ އެ ކޭބަލްގެ މަސައްކަތް ނިމި އޭގެ ބޭނުން ކުރެވެމުން މިދަނި. އެގޮތުން ކޭބަލްގެ މަސައްކަތް ނިމުމާއެކު އަލުގަނޑުމެން ވާނީ ތްރީޖީ ފޯރުކޮށްދިނުމުގެ މަޗްރޫއު ފަށާފައި. އިރާދަކުރެއްވިއްޔާ މި އަހަރު ނިމޭއިރު ރާއްޖޭގައި މީހުން ދިރިއުޅޭ ކިތަންމެ ކުޑަ ރަށަކަށް ނަމަވެސް ތްރީޖީ ނެޓްވޯކް ލިބޭނެ،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
އިސްމާއިލް ވިދާޅުވީ މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ 186 ރަށަކަށް ތްރީޖީ ނެޓްވޯކް ފޯރުކޮށްދީފައިވާ ކަމަށާއި މިއަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއް އެ ޕްރޮޖެކްޓްގެ ދަށުން ކަވާކުރެވޭނެ ކަމަށެވެ. އަދި ދާދިފަހުން ފަށާފައިވާ ފޯޖީގެ ހިދުމަތްވެސް އިތުރު ރަށްތަކަކަށް ފޯރުކޮށްދެވޭނެ ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.
ދުނިޔޭގެ މަޝްހޫރު ބައިނަލްއަގުވާމީ ކުންފުނި، ހުއާވޭ އާއެކު ވެނުނު އެއްބަސްވުމެއްގެ ދަށުން މިހާރު ވަނީ ދިރާގުގެ ތްރީޖީ ނެޓްވޯކް އަޕްގްރޭޑްކޮށް ފޯޖީގެ ޚިދުމަތް ތައާރަފުކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 ޕަސެންޓަށް ދިރާގުން މިހާރު ވަނީ ފޯޖީ ނެޓްވޯކް ފޯރުކޮށްދީފަ އެވެ.
ދިރާގުން ވަރަށް ދުރާލާ ރާވާލައިގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ ގާތްގަނޑަކަށް 20 މިލިއަން ޑޮލަރުގެ ބިޔަ ޕްރޮޖެކްޓެއްކަމަށް ދިރާގުން ބުންޏެވެ.