ށ. ޅައިމަގުގައި ދިރިއުޅޭ، 24 އަހަރުގެ ޒުވާން ފިރިހެން ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ޅައިމަގު ކައުންސިލުގެ ރައީސް އަބްދުލްޢަނީ އިބްރާހިމް މިއަދު 'ސަން' އަށް ވިދާޅުވީ ޅައިމަގުގައި ދިރުއުޅޭ ދ. ކުޑަހުވަދޫ ޒުވާނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ޅައިމަގަށް އުފަން މަންމަ އަކާއި ކުޑަހުވަދޫ އަށް އުފަން ބައްޕަ އަކަށް ލިބިފައިވާ އެ ކުއްޖާ އަކީ އަބްދުﷲ މާއިލް ކަމަށް އަބްދުލްޢަނީ ވިދާޅުވި އެވެ.

އިއްޔެ ހަވީރު 5:30 އެހާކަންހާއިރު މާއިލް ގެއްލުނީ ށ. އަތޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ފިރުނބައިދޫ އިންނެވެ. މާއިލް އާ އެކު އޭރު އެ ރަށުގައި ހުރި 55 އަހަރުގެ މީހަކާ ހަވާލީ ދީ ކައުންސިލުން ބުނީ ފުރަން ދަބަސް ހިފައިގެން ގޮނޑުދޮށަށް ފޭބުމަށް ފަހު އެއްގަމަށް އެރި ފަހުން ވީނުވީއެއް ނޭންގުނީ ކަމަށެވެ.

"އިއްޔެ ފަހެއް ޖަހާ އެހާކަންހާ އިރު ދަބަސް ހިފައިގެން ފުރަމް ގޮނޑު ދޮށަށް ވެސް ފޭބިކަމަށް އޭނަޔާ އެކު އެރަށުގައި ހުރިމީހާ ބުނީ. ދެން ފައިވާން ހިފައިގެން އެއްގަމަށް ގޮއްސަ ލަސްވެގެން ހޯދާ ހޯދާ ނުފެނުނީ. އޭގެ ފަހުން ވީ ނުވީ އެއް ނޭނގޭ،" ޅައިމަދު ކައުންސިލުގެ ރައީސް ވިދާޅުވި އެވެ.

މާއިލް ގެއްލުނު އިރު އޭނާ ލައިގެން ހުރީ މަޑު މުށި ކުލައިގެ ޖިންސަކާއި ހުދު ކުލައިގެ ޓީޝާޓެއް ކަމަށް އަބްދުލްޢަނީ ވިދާޅުވި އެވެ. އަދި ޅައިމަގުގެ 12 މީހުން އެކުލެވޭ ޓީމެއް އިއްޔެ އިން ފެށިގެން މާއިލް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޓީމުގެ އިތުރުން ފުލުހުން ވެސް މާއިލް ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވާކަން ކައުންސިލުގެ ރައީސް ވިދާޅުވި އެވެ. ފުލުހުން ބުނީ މާއިލް އަކީ ލޮލުގެ ކުލަ ކަޅު، އިސްތަށިގަނޑު ކުރު، މެދުމިނެއްގެ އިސްކޮޅެއް ހުންނަ، ހަށިގަނޑު ހިކިކޮށް ހުންނަ ޒުވާނެއް ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު 'ސަން' އަށް ވިދާޅުވީ މާއިލް ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ އިއްޔެ 18:30 ހާއިރު ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މާއިލް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިލައްވާފައިވާ ފަރާތަކުން މޯލްޑިވްސް ޕޮލިސް ސަވިސްގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އެމަޖެންސީ ނަންބަރު 119 އަށް ނުވަތަ ށ. ފުނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792237 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ.