28 Jan 2015, 12:36
ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އެއްވެސް ޓީޗަރަކަށް މުސާރަ ކުޑައެއް ނުވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ ޑރ. އަބުދުލް މުހުސިން މުހައްމަދު މިއަދު "ސަން" އަށް ވިދާޅުވީ އާ އޮނިގަނޑުގެ ދަށުން ޓީޗަރުންނަށް ގެއަށް ގެންދަން ލިބޭ މުސާރަ ކުޑަ ނުވާނެ ކަަމަށެވެ. އަދި މިހާރު އެއްވެސް ޓީޗަރަކަށް މުސާރަ ކުޑައެއް ނުވާނެ ކަމަށް މުހުސިން ވިދާޅުވި އެވެ.
"ތިޔަ ކަމުގައި އަޅުގަނޑު ދެތިން އެއްޗެއް ބުނެލާނަން. އެއީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑުގެ ދަށުން އެއްވެސް ޓީޗަރަކަށް މުސާރަ ކުޑައެއް ނުވާނެ. އަނެއްކޮޅުން ޓީޗަރުންނަށް ގެއަށް ގެންދަން ލިބޭ މުސާރަ ކުޑައެއް ނުވަނެ. ކުޑަ ވެއްޖެ ނަމަ އެއީ ކޮންމެވެސް ދިމާލަކުން އެވަނީ ކުށެއް ހެދިފައި،" މުހުސިން ވިދާޅުވި އެވެ.
މުހުސިން ވިދާޅުވީ ޓީޗަރުންނަށް ލިބޭ މުސާރަ މަދު ކަމަށްވާ ނަމަ "މަދުވާ ބައެއް އަންނަ މަހު ހަމަޖައްސައި ދެއްވާނެ" ކަމަށެވެ.
ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް)ގެ ރައީސް އާތިފް އަބްދުލް ހަކީމް ރޭ ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީ އިން ޓީޗަރުންގެ މުސާރަ މި މަހު ބޮޑުވާނެ ކަމަށް ބުނެފައިވީ ނަމަވެސް، ބޮޑުވާނެ ކަމަށް ބުނި ވަރަށް ޓީޗަރަކަށް މުސާރައެއް ނުލިބޭނެ ކަމަށެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީ އިން ކުރިން ބުނީ ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލި އިރު ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 11،000 އަށް ވުރެ ގިނަ ރުފިޔާ އަދި މާސްޓާސް ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16،000 އަށް ވުރެ ގިނަ ރުފިޔާ، އާ އޮނިގަނޑުގެ ދަށުން ލިބޭނެ ކަމަށެވެ.