ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އެންގުމާ އެއްގޮތަށް މީހަކަށް ވަޒީފާދީފައިނުވާތީ ފެނަކަ ކޯޕަރޭޝަން 150 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ސިވިލް ކޯޓުން ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އެންގުމަށް ހއ. ކެލާ ނިވައި ހުސައިން ހަމީދު އަށް ވަޒީފާ ހަމަޖައްސައިދީފައިނުވާތީ އެވެ.

ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމްގައި ވަނީ ހަމީދުއަށް ވަޒީފާ ހަމަޖައްސާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނި ނަމަވެސް އަޕަނޯތު ޔުޓިލިޓީސް ލިމިޓެޑުގެ ސިޓީއަށް ރިއާޔަތްކުރާއިރު އޭނާ އަށް ވަޒީފާ ހަމަޖައްސައިދީފައިވާކަން ޝަރީއަތަށް ބުރަވެވެން ނެތް ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން ޖޫރިމަނާކޮށްފައި ވަނީ ގާނޫނުލް އުގޫބާތުގެ 88 ވަނަ މާއްދާގެ (ހ)ގެ ދަށުންނެވެ. ޖޫރިމަނާކުރުމުގެ އިތުރުން ޓްރައިބިއުލަންގެ އަމުރާއެއްގޮތަށް ހަމީދުއަށް ވަޒީފާ ހަމަޖެއްސުމަށް ވެސް ސިވިލް ކޯޓުން އެކުންފުނީގެ މައްޗަށް ވަނީ އަމުރު ކޮށްފަ އެވެ.