ފިލިޕީންސްގެ އެންމެ ބޮޑު މުސްލިމް ރެބެލް ގްރޫޕާއި ފިލިޕީންސްގެ ސްޕެޝަލް ޕޮލިސް ޓީމާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި 40 ފުލުހުން މަރުވެއްޖެ އެވެ.

މެނީލާ ޓްރިބިއުން އިން ބުނީ އާދިއްތަ ދުވަހު އެ ހާދިސާ ހިނގަން މެދުވެރިވީ އެމެރިކާ އިން އެންމެ ނުރައްކާތެރި ޓެރަރިސްޓެއް ކަމަށް ބަލައި ވޯންޓެޑް ލިސްޓްކޮށްފައިވާ، މެލޭޝިޔާ އަށް ނިސްބަތްވާ މީހަކު އެ ގްރޫޕްގެ ތެރެއިން ހޯދުމަށް ހިންގި އޮޕަރޭޝަނުގައި ކަމަށެވެ.

ފިލިޕީންސްގެ އިންޓީރިއާ މިނިސްޓަރު މާ ރޮކްސެސް ވިދާޅުވީ މިއީ ފަހުގެ ތާރީހެއްގައި ފިލިޕީންސް ފޯސަސް އިން އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަސް ކަމަށެވެ.

މަގުއިންދަނާއޯ ޕްރޮވިންސަށް ފުލުހުން ދިޔައީ އާދީއްތަ ދުވަހުގެ އިރު އެރުމުގެ ކުރީން ޒުލްކިފީ ބިން ހިރު ހޯދައި ހައްޔަރު ކުރުމަށެވެ. އަދި އެ ސަރަހައްދަކީ މޯރޯ އިސްލާމިކް ލިބަރޭޝަން ފްރޮންޓް މީހުން އުޅޭ ސަރަހައްދެއް ކަމަށް، އެ ގްރޫޕްގެ ޗީފް ނެގޯސިއޭޓާ މިހާގަރު އިގްބާލު ބުންޏެވެ. އަދި ބަންގްސާމޯރޯ ގްރޫޕްގެ ބަޔަކު ވެސް އެ ސަރަހައްދުގައި އުޅެ އެވެ.

އިގްބާލު ބުނީ އެއީ ވަރަށް ދެރަކޮށް ހިނގި ކަމެއް ކަމަށާއި އެފަދަ ކަންކަން ތަކުރާރު ނުވާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެ ހާދިސާ ހިނގީ ފިލިޕީންސުގައި 40 އަހަރު ވަންދެން މޯރޯ އިސްލާމިކް ލިބަރޭޝަން ފްރޮންޓުން ހިންގާ ހަމަނުޖެހުންތައް ހުއްޓާލައި ސުލްހައިގެ އެއްބަސްވުމެއްގައި ސަރުކާރާ އެކު ސޮއިކޮށްފައި ވަނިކޮށެވެ.