ޑްރަގް ކޯޓުގެ ރިހެބިލިޓޭޝަން އަމުރުގެ ދަށުން ފަރުވާ ހޯދަމުންދިޔަ މީހަކު ވައްކަމުގެ މައްސަލައެއް ގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 22 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ ގެސްޓް ހައުސްއަކުން ފޯނުތަކަކާއި ސެމްސަންގް ޓެބެއްގެ އިތުރުން ވޮލެއްޓެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުން ފެނުމާއެކު ދުވެ ފިލަން މަސައްކަތްކުރަނިކޮށް ރެޑްވޭވް ޕްލާޒާ ކައިރިން އިއްޔެ ހެނދުނު 6:25 އެހައިކަންހާއިރު ކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހައްޔަރުކޮށް ހަށިގަނޑު ބަލައިފާސްކުރިއިރު އޭނާގެ އަތުން ވަގަށް ނަގާފައިވާކަމަށް ބެލެވޭ އެލްޖީ ބްރޭންޑުގެ ފޯނެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާއަކީ މަރުގެ އިންޒާރު ދިނުމާއި މަސްތުވާތަކެއްޗާއި ވައްކަމުގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.