28 Jan 2015, 10:41
ރާއްޖެއާއި ސްރީލަންކާ އާއި ދެގައުމު ގުޅިގެން އުފައްދާ ކުންފުންޏަކުން ހުއިފިލަނޑައި ވިއްސައި އާލާކޮށް އެކްސްޕޯޓް ކުރުމުގެ މަސައްކަތް ފަށަން ދެގައުމުން މަޝްވަރާކޮށްފި އެވެ.
ސްރީލަންކާ ސަރުކާރުގެ ރަސްމީ ނިއުސް ޕޯޓަލް އިން އިއްޔެ ބުނީ ހުއިފިލަނޑާ އާލާކުރުމާ ބެހޭ ގޮތުން ދެގައުމުން މަޝްވަރާ ކުރީ މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ރާއްޖޭގެ ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު އިސްކޮށް ހުންނެވި ވަފުދަކުން އެގައުމުގެ މިނިސްޓަރު އޮފް އޮޑަސްޓްރީ އެންޑް ކޮމާސް ރިޝާދު ބަދީއުއްދީން އިސްކޮށް ހުންނެވި ވަފުދަކާއި އެކު ބޭއްވެވި ބައްދަލުވުމެއްގައި ކަމަށެވެ.
"...އަޅުގަނޑުމެންގެ ސަރުކާރުން ވަރަށް ޝައުގުވެރިވޭ މަސްވެރިކަމާއި މެރިކަލްޗާގެ މަސައްކަތް ފުޅާކުރަން. އަޅުގަނޑުމެން ގަބޫލުކުރަނީ މިކަމުގައި ސްރީލަންކާ ރަނގަޅު ބައިވެރިއަކަށް ވާނެކަމަށް. ހުއިފިލަނޑާގެ ބައިނަލް އަގުވާމީ ބާޒާރު އަންނަނީ ދިރެމުން،" ސްރީލަންކާގެ ވަފުދާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރް ޖިހާދު ވިދާޅުވެފައިވެ އެވެ.
އެބައްދަލުވުމުގައި ޖިހާދު ވިދާޅުވެފައި ވަނީ ސްރީލަންކާގެ މޫދު ލޮނުގައި ހުއިފިލަނޑާ ދެގުނަ އަވަހަށް ބޮޑުވާކަން ރާއްޖޭން ކުރި ދިރާސާއަކުން އެނގިފައިވާ ކަމަށެވެ. އަދި ސްރީލަންކާގެ މެރިކަލްޗާ ކުންފުންޏަކާ ގުޅިގެން ތަޖުރިބާ ކުރުމުގެ ގޮތުން ހުއިފިލަނޑާ އާލާކުރުމުގެ މަސައްކަތެއް މަނާރުގައި މިހާރު ވެސް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
ސްރީލަންކާގެ މިނިސްޓަރު އޮފް އިންޑަސްޓްރީ އެންޑް ކޮމާސް ބަދީއުއްދީން ވިދާޅުވެފައި ވަނީ އެކަމުގައި ރާއްޖެ އަށް ވެދެވެން އޮތް ހުރިހާ އެހީއެއް ވާނެ ކަމަށެވެ. އަދި އެ މަޝްރޫއުން ސްރީލަންކާގެ އާ އުފެއްދުމެއް ދުނިޔޭގެ ބާޒާރަށް ތައާރަފް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.
"... އަޅުގަނޑަށް ފެންނަނީ މަނާރުގައި ހުއިފިލަނޑާގެ މަސައްކަތްކުރާ މީހުންގެ ކޯޕަރޭޓިވްތަކެއް އުފައްދަން. އޭރުން އެމީހުންނަށް މި ވެންޗާގެ ފުރިހަމަ ފައިދާ ވާނީ،" ބައްދަލުވުމުގައި ބަދީއު ވިދާޅުވެފައިވެ އެވެ.
އެމަސައްކަތާ ބެހޭ ތަފުސީލު ޕްރޮޕޯސަލެއް ހުށަހެޅުމަށް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ. އޭރުން ސްރީލަންކާގެ ފިޝަރީޒް މިނިސްޓަރު ދިލިޕް ވޭދާއާއި އޭނާގެ މިނިސްޓްރީގެ އެހީގައި އެމަސައްކަތައިގެން ކުރިއަށް ދެވޭނެ ކަމަށް ވެސް ބަދީއު ވަނީ ވިދާޅުވެފަ އެވެ.
ސްރީލަންކާ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއާ އެގައުމާ ދެމެދު 2010 ވަނަ އަހަރު 50.64 މިލިޔަން ޑޮލަރުގެ ވިޔަފާރި ކުރިއެވެ. އަދި 2013 ވަނަ އަހަރު ދެގައުމުން ކުރި ވިޔަފާރި ވަނީ 72 މިލިޔަން ޑޮލަރަށް އިތުރުވެފަ އެވެ.