މަސްތުވާތަކެތީގެ ވަބާއިން ދުރުހެލިވުމަށް ފަރުވާ ހޯދަން އެއްބަސްވި މީހަކު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އުމުރުން 33 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން މާލެ ތެރެ ޕެޓްރޯލްކުރަމުންދަނިކޮށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ރޭ 11:30 ހާއިރު އެލްސިއޯން ބޭކަރީ ކައިރިން ކަމަށެވެ.

އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރި އޭނާ ލައިގެންހުރި ޖިންސްގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ހައްޔަރުކުރި އެމީހާ މަސްތުވާތަކެތި ބޭނުންކުރާ ކަމަށް އަމިއްލައަށް އިއުތިރާފުވެ އެ ވަބާއިން ސަލާމަތްވުމަށް ރިހެބިލިޓޭޝަން ސެންޓަރުގައި ފަރުވާ ހޯދަން އެއްބަސްވުމާ ގުޅިގެން ޑްރަގް ކޯޓަށް އޭނާގެ މައްސަލަ ވަނީ ފޮނުވާފައެވެ. އަދި ޑްރަގް ކޯޓުން އެންގި އެންގުމަށް އެ ކޯޓަށް އޭނާ ހާޒިރުވެފައިނުވާތީ ޑްރަގް ކޯޓުން ވަނީ އޭނާ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެފައެވެ.