ޑީއާރްޕީގެ ޒައީމް އަލްއުސްތާޒު މައުމޫނު އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ބަޔަކު ޑީއާރްޕީގެ ނައިބު ލީޑަރު އިބްރާހިމް ޝަރީފު )މަވޯޓާ ޝަރީފް(އަށް އިއްޔެ ހަމަލާދީ "އަލިފާންޖައްސާ، ޒަހަމްކޮށް، ޖިސްމާނީ ގޮތުން" ގެއްލުން ދިނުމާ ގުޅިގެން ޑީއާރްޕީ ކައުންސިލުން އެކަން ކުށްވެރި ކޮށްފި އެވެ.

ޑީއާރްޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އިއްޔެ ބާއްވަން އުޅުނު އެ ޕާޓީގެ ކައުންސިލް ޖަލްސާ ފެށުމުގެ ކުރިން ޒައީމް މައުމޫނަށް ތާއީދު ކުރާ ކަމަށް ބުނާ ބަޔަކު، ޑީއާރްޕީ އޮފީހަށް ވަދެ، ނައިބު ލީޑަރު އިބްރާހިމް ޝަރީފަށް ހަމަލާދިން ދިނުމަކީ އެ ޕާޓީގެ ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމެއް ކަމަށެވެ.

"ޕާޓީގެ އިދާރީ އޮފީހަށް ވަދެ އޮފީހުގެ ތަކެއްޗަށް ގެއްލުންދީ ތަނުގެ މުވައްޒަފުންނަށް ބިރުދައްކާ ހަމަނުޖެހުން ހިންގާ އަދި ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އިބްރާހިމް ޝަރީފަށް ދިވެހި ރައްޔިތުންގެ ޕާޓީގެ އޮފީސް ކުރިމަތިން މިދެންނެވި މީހުންގެ ތެރެއިން ބަޔަކު ހަމަލާދީ އަލިފާން (ސިނގިރޭޓް ބުރި) ޖައްސައި ޒަހަމްކޮށް، ޖިސްމާނީ ގޮތުން ދީފައިވާ ގެއްލުން ދިވެހި ރައްޔިތުންގެ ޕާޓީގެ ކައުންސިލުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ،"

އެ ނޫސްބަޔާނުގައި ބުނަނީ، އެފަދަ އަމަލްތައް ހިންގުމަށް ހިތްވަރުދީ، އަމަލީގޮތުން އެ ކަންކަމުގައި ބައިވެރިވެ ހަމަނުޖެހުން ނުހިންގުމަށް އެ ޕާޓީގެ ކައުންސިލުން ގޮވާލާ ކަމަށެވެ. އަދި ހަމަނުޖެހުން ހިންގުމަށްޓަކައި ޒައީމް މައުމޫންގެ ނަންފުޅު ބޭނުން ކުރަމުން ނުގެންދިއުމަށާއި ޕާޓީއަށް ތާއީދުކުރާ ބަޔަކު ނަމަ ޕާޓީގެ އުސޫލުތަކާއި ޑިމޮކްރެޓިކު އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް ވެސް އެ ބަޔާނުގައި ގޮވާލައިފައިވެ އެވެ.
މައުމޫނުގެ ސަޕޯޓަރުންތަކެއް މަވޯޓާ ޝަރީފަށް އިއްޔެ ހަމަލާދިނީ ޒައީމް މައުމޫނާ ބެހޭ ގޮތުން މީޑިއާގައި ލީކުވެގެން އުޅޭ އޯޑިއޯ އަކާ ގުޅިގެންނެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ކެޕެއިން ތެރޭގައި ރިކޯޑްކޮށްފައިވާ އެ އޯޑިއޯގައި މަވޯޓާ ޝަރީފު ވިދާޅުވެފައިވަނީ މައުމޫން އައްޑުއަށް ވަޑައިގެންފިނަމަ "ތަޅާ ބާލާނެ" ކަމަށެވެ. ނަމަވެސް ޝަރީފު ވިދާޅުވެފައިވަނީ އެ އޯޑިއޯ އަކީ އެޑިޓްކޮށްފައިވާ އޯޑިއޯއެއް ކަމަށެވެ.

އޭނާ ވިދާޅުވީ މައުމޫނުގެ ސަޕޯޓަރުންތަކެއް ދިން ހަމަލައާ ގުޅިގެން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމަށް ވަރަށް ގިނަބަޔަކު އެދެމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާމެދު ވިސްނަވަމުންގެންދަވާ ކަމަށް ވެސް މަވޯޓާ ޝަރީފު ވިދާޅުވެފައިވެ އެވެ.