ތެހެރާން (ޖަނަވަރީ 28) : މިދިޔަ ހަފްތާގައި އިސްރާއީލުން ސޫރިޔާއަށް ދިން ވައިގެ ޙަމަލާތަކުގައި އީރާނުގެ ޖެނެރަލަކު މަރާލާފައިވާތީ އެކަމުގެ ރައްދު އިސްރާއީލަށް ދޭނެކަމުގެ އިންޒާރު އީރާނުން ދީފި އެވެ.

އީރާނުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ އިސްރާއީލުން ރަތްރޮނގު ހުރަސްކޮށް އީރާނުގެ މަސްއޫލުވެރިންނަށް އިސްވެ ޙަމަލާދީފައިވާ ކަމަށާއި އިސްރާއީލަށް ރައްދު ދީގެންނޫނީ މިފަދަ އުދުވާން ނުހުއްޓުވޭނެ ކަމުގަ އެވެ. އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބު ޙުސައިން އަބްދުއްލީހާން ވިދާޅުވީ އިސްރާއީލެވެކިޔާ ޒަޔަނިސްޓް ނިޒާމުން ހިންގާ ޖަރީމާތަކަށް ރައްދު ދޭނެކަން އެމެރިކާ ސަރުކާރަށް ވެސް މިހާރު އަންގާފައިވާނެ ކަމުގަ އެވެ. އިސްރާއީލުން ސީރިޔާގެ ވައިގެ ސަރަހައްދަށް ގަވާއިދާ ޚިލާފަށްވަދެ އިސްރާއީލު ބޭނުންވާ ތަންތަނަށް ޙަމަލާދީ އިސްރާއީލު ބޭނުންވާ ބަޔަކު މެރުމަކީ އާންމުކޮށް ކުރަމުން ގެންދާ ކަމެކެވެ. މިގޮތުން މިދިޔަ ހަފްތާގައި އިސްރާއީލުން ސީރިޔާއަށް ދިން ޙަމަލާތަކެއްގައި ލުބްނާނުގެ ހިޒްބުﷲ ޖަމާއަތުގެ ތިން ކޮމާންޑަރުންނާއި އީރާނުގެ ޖެނެރަލަކުވަނީ މަރާލާފަ އެވެ.

ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަކީ އިސްރާއީލަށް ޙަމަލާތައްދިނުމުގެ އިތުރުން މިފަދަ ޙަމަލާތައްދީގެން އިސްރާއީލަށް ބޮޑެތި ގެއްލުންތައް ދެވޭ ފަދަ އަސްކަރީ ގޮތުން ގާބިލްކަން ލިބިފައިވާ ބާރުގަދަ ޖަމާއަތެކެވެ. ހިޒްބުﷲ އާ ދެކޮޅަށް އިސްރާއީލު ފަށާ ކޮންމެ ހަނގުރާމައެއް ވެސް ހުއްޓާލަންޖެހިފައި ވަނީ އިސްރާއީލުގެ އެއްވެސް މަގްސަދެއް ހާސިލްނުވެ އިސްރާއީލު ސިފައިންގެ އެތައް ބަޔަކު މަރުވެ އިސްރާއީލުގެ ރަށްތަކަށް ހިޒްބުﷲގެ ރޮކެޓް ހަމަލާތައް އަރައި އެ ރަށްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންނެވެ.

ހިޒްބުﷲ އިންވެސް ވަނީ މިދިޔަ ހަފްތާގައި އިސްރާއީލުން ސޫރިޔާއަށް ދިން ވައިގެ ޙަމަލާތަކުގައި އެޖަމާއަތުގެ ތިން ކޮމާންޑަރަކު މަރުވި މައްސަލައަށް ރައްދުދޭނެ ކަމަށް ބުނެފަ އެވެ. މިއިންޒާރާ އެކު އިސްރާއީލު ސިފައިންވަނީ އަސްކަރީގޮތުން ތައްޔާރީ ޙާލަތަކަށް ގެނަސްފައެވެ. އައި އިސްރާއީލުގެ މިސައިލް އައްޑަނައިގެ ނިޒާމް ކަމަށްވާ އަޔަން ޑޯމްވެސްވަނީ އެގައުމުގެ ބޮޑެތި ސަހަރުތަކުގައި ރުކުރުވާލާފަ އެވެ. (ރޮއިޓާސް)