28 Jan 2015, 09:37
ނިއުދިއްލީ (ޖަނަވަރީ28): ޖަންމޫ ކަޝްމީރުގައި އިންޑިއާ ސިފައިންނާއި ހަތިޔާރުއެޅި ޖަމާއަތެއްގެ ބަޔަކު އިއްޔެ ބަދަލުކުރި ޙަމަލާތަކުގައި އިއްޔެ މަރުވި އިންޑިޔާގެ ސަލާމަތީ ބާރުތަކަށް ނިސްބަތްވާ ހަތަރު މީހުންގެ ތެރޭގައި އެގައުމުގެ ސިފައިންގެ ކާނަލަކު ހިމެނޭކަމަށް ފުހުލުން ހާމަކޮށްފި އެވެ.
އިންޑިއާގެ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ ތާހިރު ސަލީމް ވިދާޅުވީ ހަނގުރާމަވެރިންގެ ބަޔަކު ދިން ކުއްލި ޙަމަލާތަކެއްގައި އެގައުމުގެ ސިފައިންގެ ކާނަލަކު މަރުވެފައިވާ ކަމަށާއި މީގެ އިތުރުން ސިފައިންގެ ދެމީހުންނާއި ފުލުހުންގެ މީހަކު ވެސް މަރުވެފައިވާކަމުގަ އެވެ. މިޙަމަލާތަކަށް އިންޑިޔާ ސިފައިން ދިން ރައްދުގައި ހަނގުރާމަވެރިންގެ ދެމީހުން މަރާލެވުނުކަމަށް ވެސް ސަލީމް ވިދާޅުވި އެވެ.
އިންޑިޔާގެ ކޮންޓްރޯލްގެ ދަށުގައިވާ ޖަންމޫ ކަޝްމީރުގައި މަރުކަޒުކޮށްފައިވާ އިންޑިޔާ ސިފައިންނަށް ހަމަލާތައްދިނީ ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާއަތަކުން ކަމަށާ މި ޙަމަލާތައް ދީފައިވަނީ ކަޝްމީރުގެ ދެކުނުގައިވާ ބަލްވަމާ ވިލެޖުން ކަމަށް އިންޑިޔާ ސިފައިންގެ ބަޔާން ބުނެ އެވެ. އަދި ބަލްވަމާ ވިލެޖުން ކުއްލި ހަމަލާތަކެއް އިންޑިޔާގެ ސިފައިންނަށާއި ފުލުހުންނަށް ދިނުމަށް ފަހު ހަނގުރާމަވެރިން ފިލާފައިވާ ކަމަށް ވެސް އިންޑިއާ ސިފައިންގެ ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އިންޑިއާ ތުހުމަތުކުރާ ގޮތުގައި ކަޝްމީރުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް އަސްކަރީގޮތުން އެހީތެރިވަނީ ޕާކިސްތާނުގެ ސިފައިންނާއި ޖާސޫސީ އިދާރާއިންނެވެ. މިޖަމާއަތްތަކުގެ ތެރޭގައި ތާލިބާނުން ވެސް ހިމެނޭކަމަށާއި ކަޝްމީރުގައިވާ އިންޑިއާ ސިފައިންނަށް ޙަމަލާތައްދޭ ތާލިބާނުން ވެސް ތަމްރީންކުރަނީ ޕާކިސްތާން ސިފައިންގެ މުދައްރިބުން ކަމަށްވެސް އިންޑިއާ ބުނެ އެވެ.
ހިމާލިޔާ ސަރަހައްދުގައިވާ ކަޝްމީރުގެ އެއްބައި ކަމަށްވާ ޖަންމޫ ކަޝްމީރަކީ އިންޑިއާ ގަވައިދާ ޚިލާފަށް އަތްގަދަކޮށްގެން އުޅޭ ސަރަހައްދެއް ކަމަށް ޕާކިސްތާނުން ބުނެ އެވެ. ނިއުކްލިޔާ ދެބާރުކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައިވާ މައިގަނޑު މައްސަލައަކީ ވެސް ކަޝްމީރުގެ މައްސަލަ އެވެ. ކަޝްމީރުގެ އެއްބައި ކަމަށްވާ އާޒާދެ ކަޝްމީރު އޮންނަނީ ޕާކިސްތާނުގެ ބައެއްގެ ގޮތުގަ އެވެ. ކަޝްމީރަކީ މުސްލިމުންގެ އަޣްލަބިއްޔަތު އޮންނަ ސަރަހައްދެއްކަމުން އިންޑިއާ އާއި ޕާކިސްތާން ދެބައިކުރިއިރު ޖަންމޫ ކަޝްމީރުގެ ބައިވެސް އަންނަންޖެހޭނީ ޕާކިސްތާނުގެ ސިޔާދަތުގެ ދަށަށްކަމަށް ޕާކިސްތާނުން ބުނެ އެވެ.
އިންޑިއާގެ އަތްދަށުން ޖަންމޫ ކަޝްމީރު މިނިވަން ކުރުމުގެ ޙަރަކާތް 1989 ގައި ފަށާފައިވާއިރު މިކަންހުއްޓުވުމަށް އިންޑިއާ ސިފައިންގެ ލަޝްކަރުތައް ވަނީ ނުކުޅެދިފަ އެވެ. ކަޝްމީރުގެ ރައްޔިތުންނަށް އެމީހުންގެ މިނިވަންކަން އަމިއްލައަށް ކަނޑައެޅުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ގަރާރުތަކަށް ބޯލެނބުމަށް އިންޑިއާ ވަނީ ދެކޮޅުހަދައިފަ އެވެ. (ރޮއިޓާސް)