މިހާރު އޮސްޓްރޭލިއާގައި ކުރިއަށް ގެންދާ އޭފްސީ އޭޝިއަން ކަޕްގެ ދެވަނަ ސެމީ ފައިނަލް މެޗުގައި، ޔުނައިޓަޑް އަރަބް އެމިރޭޓްސްގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރި ހޯދައި، އަމިއްލަ ގައުމުގައި މުބާރާތް ކުޅެމުންދާ އޮސްޓްރޭލިއާ މުބާރާތުގެ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އޭޝިއަން ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެ މުބާރާތުގައި ބައިވެރިވި އޮސްޓްރޭލިއާ އިއްޔެގެ މެޗުގައި އެ ޓީމްގެ ދެ ލަނޑުވެސް ކާމިޔާބު ކޮށްފައި ވަނީ މެޗުގެ ފުރަތަމަ 15 މިނެޓުގެ ތެރޭގައެވެ.

މެޗު ފެށިތާ ތިން މިނެޓުތެރޭ އޮސްޓްރޭލިއާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމަށް ލީޑު ހޯދަދިނީ ލިބުނު ކޯނަރަކުން ނެގި ބޯޅަ ބޮލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލަގެން އެ ޓީމްގެ ޑިފެންޑަރު ޓްރެންޓް ސެންސްބަރީ އެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ދެވަނަ ލަނޑު ކާމިޔާބު ކުރީ ފޮނުވާލި ބާރު ޝޮޓަކުން އެ ޓީމްގެ ޑިފެންޑަރު ޖޭސަން ޑޭވިޑްސަން އެވެ.

ލިބުނު އަވަސް ލީޑާއެކު އޮސްޓްރޭލިއާ މެޗުގައި ހަމަޖެހިލިއިރު، މެޗުގެ ފުރަތަމަ ކޮޅު ދަށް ކުޅުމެއް ދެއްކި ޔޫއޭއީ ވަނީ ކުޅުން ރަނގަޅު ކޮށްފައެވެ. އަދި މެޗުގައި އެ ޓީމް ރަނގަޅު ކައުންޓާ އެޓޭކް ތަކެއް އުފެއްދި ނަމަވެސް، އެ ޓީމަށް ވަނީ މެޗުގައި އޮސްޓްރޭލިއާގެ ޑިފެންސް ފޫއަޅުވާލެވޭގޮތް ނުވެފައެވެ.

މުބާރާތުގެ ފުރަތަމަ ސެމީފައިނަލް މެޗުގައި އިއްޔަ 2-0 ގެ ނަތީޖާއަކުން އިރާގުގެ މައްޗަށް ކުރި ހޯދައި އޭޝިއަން ކަޕްގެ ފައިނަލުން ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަކީ ދެކުނު ކޮރެއާ އެވެ. އެ ޓީމް ފައިނަލަށް ދަތުރު ކުރީ މުބާރާތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބު ކުރުމުގެ އިތުރުން، ބައިކޮޅަށް އެންމެ ލަނޑެއްވެސް ވަނަ ނުދީ އެވެ.

އޭޝިއަން ކަޕް 2015ގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 31 ވަނަ ދުވަހު ސިޑްނީގެ ސްޓޭޑިއަމް އޮސްޓްރޭލިއާ ގައެވެ. އެ މެޗުގައި އޮސްޓްރޭލިއާ ދެކުނު ކޮރެއާއާ ދެކޮޅަށް ނިކުންނަ އިރު، މުބާރާތުގެ ގްރޫޕް 'އޭ'ގައި އެ ދެ ޓީމް ބައްދަލުކުރި މެޗު 1-0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކޮރެއާ އެވެ.