އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންގެ މުސާރަ މި މަހު ބޮޑުވާނެކަމަށް ބުނެފައިވީ ނަމަވެސް، ބޮޑުވާނެ ކަމަށް ބުނި އަދަދާ ގާތަށް އެއްވެސް ޓީޗަރަކަށް މުސާރައެއް ނުލިބޭނެ ކަމަށް ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓޭމް) އިން ބުނެފި އެވެ.

ޓޭމްގެ ރައީސް އާތިފް އަބްދުލް ހަކީމް މިރޭ "ސަން"އަށް ވިދާޅުވީ، އެއްވެސް ކެޓަގަރީއެއްގެ ޓީޗަރަކަށް މިނިސްޓްރީން ބުނި އަދަދަށް މުސާރައެއް ނުލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ޓީޗަރުންގެ އިހުސާސްތައް އެހުމަށްފަހު ރައީސް ޔާމީން ޓީޗަރުންނަށް ވަރަށް އިހުލާސްތެރި އަދި ވަރަށް ބުރަ މަސައްކަތެއް ކޮށްދެއްވި ކަމަށެވެ.

"އަޅުގަނޑުމެން ރައީސް ޔާމީނަށް ޝުކުރުވެސް ދަންނަވަން ކޮށްދެއްވި މަސައްކަތަށް. އެހެންނަމަވެސް ހިތާމައާ އެކު ދަންނަވަންޖެހޭނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ އަދި އެމަނިކުފާނު ކުރެއްވި ބުރަ މަސައްކަތްޕުޅު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބޮލާލައި ޖަހާފައޭ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރައީސް ޔާމީން ރައްޔިތުން ކުރިމަތީގައި ފަޟީހަތް ކުރައްވާފައޭ. މިއީ ހިތާމަ ހުރި ކަމެއް،" އާތިފް ވިދާޅުވި އެވެ.

އާތިފް ވިދާޅުވީ، ޓީޗަރުންނަށް ރައީސް ޔާމީން ދެއްވަން ވިދާޅުވި މުސާރަ ލިބޭނެކަމަށް ބުނަން ދަތި ކަމަށެވެ. އެހެންނަމަވެސް އެ އެސޯސިއޭޝަނުން ޓީޗަރުންގެ މުސާރައިގެ ކަންތައް ދިރާސާ ކުރަމުން އަންނަ ކަމަށް ވެސް އާތިފް ވިދާޅުވި އެވެ.

"ރައީސް ޔާމިން ވިދާޅުވި ގޮތަށް މުސާރަ ލިބޭނެ ބުނަން ދަތި. އެހެންނަމަވެސް ޔަގީން ކަމާއިއެކު މިބުނަނީ، އެޑިއުކޭޝަން މިނިސްޓްރީ އިން ޓީޗަރުންނަށް ގެއަށް ގެންދަން މިވަރު ލިބޭނޭ ބުންޏަސް އެވަރު ގެއަށް ގެންދަން ނުލިބޭނެކަން ކަށަވަރު. ބައްލަވާ އެބޭފުޅުން ހުރީ ޕެންޝަނަށް ކަނޑާ ލާރިކޮޅުވެސް އޭގެތެރެއަށްލާފަ. ދެން ބޮޑުވާނެ ދެއްތޯ..،" ޓޭމްގެ ރައީސް އާތިފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީން ވިދާޅުވީ 33 ޕަސެންޓު ޓީޗަރުންގެ މުސާރައިން ބޮޑުކޮށްދެއްވާނެ ވާހަކަ ކަމަށާއި އެހެންނަމަވެސް ރައީސް ދެއްކެވި ވާހަކަފުޅުތަކާއި އެޑިއުކޭޝަން މިނިސްޓްރީން ސުކޫލުތަކަށް ފޮނުވާފައިވަ ލިޔުންތަކާ އެއްވެސް ވަރަަކަށް ދިމާނުވާ ކަމަށެވެ.

"ހަގީގަތުގައި އަޅުގަނޑަށް ބުނެވޭނީ މި ފެންނަނީ ތައުލީމީ ނިޒާމް ފެއިލްވުމުގެ ނަތީޖާއޭ. އުސޫލުން ކަންތައް ހުރެމެ އެކަންކަމުގެ ބޭރުން ކަންތައް ކުރީމަ އެހެންވާނީ." އާތިފް ވިދާޅުވި އެވެ.

ޓޭމުން މިހެން ބުނެފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލިއިރު ޓީޗަރުންގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 11،000 އަށް ވުރެ ގިނަ ރުފިޔާ އަދި މާސްޓާސް ފެންވަރުގެ ޓީޗަރަކަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި 16،000 އަށް ވުރެ ގިނަ ރުފިޔާ ލިބޭ ގޮތަށް ޓީޗަރުންގެ މުސާރައިގެ އާ އޮނިގަނޑު ވަނީ އެކުލަވައިލާފައެވެ.