އެމެރިކާގެ ކެލިފޯނިއާގެ ބިޓާޑް ބްރޯސް އޮފް ބޭކާސްފީލްޑު ކުންފުނިން ސަޕްލައިކުރާ ދެ ބާވަތެއްގެ ކެރަމަލް އާފަލުން 'ލިސްޓީރިއޯސިސް' ބަލި ފެނިއްޖެ އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ނެރުނު ހެލްތު އެލާޓެއްގައި ވަނީ ބިޓާޑް ބްރޯސް އޮފް ބޭކާސްފީލްޑު ކުންފުނިން އުފައްދާ 'ގްރެނީ ސްމިތް' އަދި 'ގެލާ' ބާވަތުގެ އާފަލުން ލިސްޓިރިއޯސިސް ބަލިފެތުރިފައިވާތީ އެކަމުގެ ކަމާ ބެހޭ އިދާރާތަކުން އެކަން ދިރާސާކުރަމުން އަންނަ ކަމަށެވެ.

ހެލްތު އެލާޓުގައި ވަނީ ބިޓާޑް ބްރޯސް އޮފް ބޭކާސްފީލްޑު ކުންފުނިން އާފަލު ބަންދުކުރާ މަރުކަޒުން ނަގާފައިވާ ސާންޕަލްތަކުން ލިސްޓިރިއޯސިސް ޖައްސާ ޖަރާސީމު ކަމުގައިވާ 'ލިސްޓީރިއާ މޮނޯސައިޓޯޖެންސް' ފެނުމާ ގުޅިގެން އެފަރާތުން ސަޕްލައިކުރާ މިދެވައްތަރުގެ އާފަލުތައް މާކެޓުން އަނބުރާ ނަގަން ފަށާފައިވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު އެކުންފުނިން ސީދާ އާފަލު ސަޕްލައިކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނޭ ކަމަށާއި އަދި އެބާވަތުގެ އާފަލެއް މިހާތަނަށް ރާއްޖެ އެތެރެވެފައިިނުވާ ކަމަށް ވެސް ފުޑު އެންޑް ޑްރަގް އޮތޯރިޓީން ބުންޏެވެ.

ފުޑު އެންޑް ޑްރަގް އޮތޯރިޓީން ބުނީ ރާއްޖެއަކީ ތަފާތު އެކި ގައުމުތަކުގެ އުފެއްދުންތައް އެތެރެކުރާ ގައުމަކަށްވެފައި އެވައްތަރުގެ އާފަލް އެތެރެވެފައިނުވާކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ކުރަމުން އަންނަ ކަމަށެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ރާއްޖެއަށް އިމްޕޯޓް ކުރެވޭ އެ ބާވަތްތަކުގެ އާފަލަށް ޚާއްސަ ސަމާލުކަމެއްދީގެން ބަލައި ފާސްކުރަމުން އަންނަ ކަމަށް ވެސް ހެލްތު އެލާޓުގައި ވެއެވެ.