ޑިފެންސް މިނިސްޓަރުގެ މަގާމުން ވަކިކުރައްވާފައިވާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރާއްޖެ އިން ބޭރަށް ފުރައިވަޑައިގަންނަވަން އުޅުއްވަނިކޮށް، އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.

ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާކަން އިތުބާރު ހުރި މަސްދަރަކުން ސަން އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ކޯޓު އަމުރުމާ އެކު، އިމިގްރޭޝަނުން މިރޭ ވަނީ އޭނާގެ ނަން "ބްލެކް ލިސްޓް"ކޮށްފަ އެވެ.

އަދި ނާޒިމުގެ ޕާސްޕޯޓް ހިފެހެއްޓިކަން ފުލުހުން ވެސް ވަނީ ފަހުން ސަން އަށް ކަށަވަރުކޮށްދީފަ އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ނާޒިމުގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ އެއް މަސް ދުވަހަށެވެ.

ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ އިރު، އެމަނިކުފާނުގެ ގެއިން ނުރައްކާތެރި ހަތިޔާރާއި ގޮވާ ޒާތުގެ އެއްޗެހި ފެނުނު ކަމަށް ބުނެ، ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އޭނާގެ ގެއިން ނުރައްކާތެރި ހަތިޔާރު ފެނުނު ކަމަށް ފުލުހުން ބުނާ މައްސަލައިގެ ތަހުގީގަށް "އެކަށީގެންވާ މިންވަރަށް" ނާޒިމް އެއްބާރުލުން ނުދެއްވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ނާޒިމްގެ އަނބިކަނބަލުންގެ ގެ، ގ. އެނިފް އަށް ފުލުހުން ވަދެ ބަލައި ފާސްކޮށްފައި ވަނީ މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު 3:15 ގަ އެވެ. ނާޒިމްގެ ބަލައި ފާސްކުރި އިރު ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ބައެއް މަސްދަރުތަކުން ބުނެ އެވެ.

އެ އޮޕަރޭޝަނަށް ފަހު ފުލުހުން ބުނެފައި ވަނީ އެގެއަށް ވަތްއިރު، އެއީ ނާޒިމް ދިރިއުޅުއްވާ ގެ ކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި އެ ގެއަށް ވަތްއިރު ނާޒިމް އެ ގޭގައި ދިރިއުޅުއްވާތީ، ފުލުހުން އަމަލުކޮށްފައި ވާނީ އެމަނިކުފާނަށް ކުރަން ޖެހޭ އިހްތިރާމާ ގަދަރާއެކުގައި ކަމަށް ފުލުހުން ބުންޏެވެ.

ނާޒިމްގެ ވަކީލުންގެ ޓީމް، ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރު އިސްވެ ހުންނަވާ އެވަންޓް ގާޑް ލޯޔާސް އިން، ނެރުނު ބަޔާނުގައި ބުނީ ނާޒިމު ދިރިއުޅުއްވާ ގަލޮޅު އެނިފުގެ އެޕާޓްމަންޓުން ފެނުނު ކަމަށް ފުލުހުން ބުނާ ހަތިޔާރަކީ ނާޒިމާއި އޭނާގެ އާއިލާގެ އެއްވެސް ބޭފުޅަކާ ގުޅުން ހުރި ތަކެތި ނޫން ކަމަށެވެ.