ކުޑަ މަސް ދޯންޏެއްގައި މަހަށް ނުކުމެ އުޅުނު ށ. މާއުނގޫދޫ ބަޔަކަށް 10 ކިލޯގެ މާވަހަރެއް ފެނިއްޖެ އެވެ.

މާއުނގޫދޫ ކައުންސިލުން ވެސް ވަނީ، އެރަށު ދޯންޏަކުން މާވަހަރެއްކަމަށް ބެލެވޭ އެއްޗެއް ހޮވައިގެން އުޅޭކަން ސަންއަށް ކަށަވަރުކޮށްދީފައެވެ.

މާވަހަރު ހޮވި ދޯނީގެ ވެރިޔާ ށ. މާއުނގޫދޫ، އިރުވައިގޭ އަދުނާން އަލީ 'ސަން' އަށް މައުލޫމާތު ދެމުން ބުނީ، އެ މާވަހަރު ފެނިފައިވަނީ މަހަށް ނުކުމެ އުޅެނިކޮށް މިއަދު ހެނދުނު 9:30 ކަންހާއިރު ކަމަށެވެ. އަދި އޭތި ފެނިފައިވަނީ ނ. ހުޅުދޫން ހައެއްކަ މޭލު ބޭރުން ކަމަށް އޭނާ ބުންޏެވެ.

"ކުޑަވަރެއްގެ ޓެސްޓެއް ކޮށްލައިފިން. ޓެސްޓުކުރި ކުއްޖާ ބުނީ މާވަހަރެއް ކަމަށޭ ބެލެވެނީ. ދެން މާވަހަރެއްތޯ ޔަގީންކުރުމަށް މިހާރު މާލެ ގެންދިއުމުގެ މަސައްކަތް ކުރަމުންދަނީ،" އަދްނާން ބުންޏެވެ.

އަދްނާންގެ އާއިލާ މެންބަރަކު ބުނީ، އެ މާވަހަރު ވިއްކާލުމަށްޓަކައި މިހާރު ވެސް ބޭރުގެ ކުންފުނިތަކާ ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި މާވަހަރު ވިއްކާނެ އަގަކާއި އެ ވިއްކައިގެން ލިބޭ ފައިސާއަށް ހަނދާނެ ގޮތެއް އަދި ވިސްނާފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

"ފްރާންސްގެ ކުންފުންޏަކާ މިހާރު ވަނީ ވާހަކަދައްކާ ފޮޓޯ ވެސް ފޮނުވާފަ. އެމީހުން ތިބީ ވިއްކާނަމަ ވަގުތުން އައިސްނަމަ ވެސް ފައިސާ ދޭގޮތަށް. ނިއުޒިލޭންޑުގެ ދެ ކުންފުންޏަކަށް މެއިލް ވެސް ކޮށްފިން. އެކަމަކު އަދި އެއްވެސް ދިވެއްސަކާ އަދި ވާހަކައެއް ނުދައްކަން،" އަދްނާންގެ އާއިލާ މެންބަރު ބުންޏެވެ.