09 Feb 2011, 21:50
ވޮޝިންގޓަން: ޢިރާޤާއި އަފްޣާނިސްތާނުގެ ކުށެއްނެތް އެތަށްލައްކަ ބަޔަކު މެރުމާއި ޓެރަރިޒަމް ހުއްޓުވުމުގެ ނަމުގައި ފުޅާދާއިރާއެއްގައި އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ މައްސަލާގައި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިޔު ބުޝްގެ މައްޗަށް ބައިނަލްއަޤްވާމީ ގޮތުން ޝަރީޢަތް ހިންގައިގެން ނުވާނެކަމަށް އެމެރިކާގެ ކުރީގެނައިބު ރައީސް ޑީކްޗޭނީ ވިދާޅުވެއްޖެއެވެ.
ޗޭނީ މިހެން ވިދާޅުވީ މީހުން މެރުމާއި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ތުހުމަތުތައް ކުރެވިފައިވާ ޖޯޖްޑަބްލިޔު ބުޝްފަދަ އެެމެރިކާގެ މަސްއޫލުވެރިންނާއި އެމެރިކާގެ ސިފައިންގެ މައްޗަށް ދުނިޔޭގެ ޤައުމުތަކުގެ ކޯޓްތަކުގައި ޝަރީޢަތްކުރެވޭނެ ބައިނަލްއަޤްވާމީ ޖުޑީޝަލް އިޚްތިސާސްތަކެއް އެކަށައެެޅުމަށް އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންނާއި ޤާނޫނީ ތަޖްރިބާކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އިޝާރާތްކުރައްވަމުންނެވެ.
ޗޭނީއަކީވެސް އަބޫޣުރައިބު ޖަލުގައާއި ގުއަންޓެނާމޯ ޖަލުގައި މުސްލިމް އަސީރުންނާ ދެކޮޅަށް އެމެރިކާ ސިފައިން ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު އަނިޔާތަކާއި ލާއިންސާނީ ޖަރީމާތަކުގެ ފަހަތުގައި ހުންނެވިކަމަށް ތުހުމަތު ކުރެވިފައިވާ ނިއުކޮންޒަވެޓިވް ޚިޔާލުގެ ހަރުކަށި ބޭފުޅެކެވެ.
އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ އެމްނެސްޓީ ޖަމާއަތުންވަނީ މުސްލިމް އަސީރުންނާދެކޮޅަށް އެމެރިކާ ސިފައިން ހިންގި އިންސާނިއްޔަތާ ޚިލާފު ޢަމަލުތަކާގުޅިގެން ޗޭނީއަކީ އަނިޔާވެރިކަމުގެ ރަސްގެފާނުކަމަށް ސިފަކޮށްފައެވެ. އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ގެންދަނީ ބުޝްއާއި ޗޭނީފަދަ އެމެރިކާގެ ކުރީގެ ހަރުކަށި މަސްއޫލުވެރިންނާ ދެކޮޅަށް ޤާނޫނީ އިޖްރާއާތުތައް އެކަށައެޅުމަށް ޔޫރަޕްގެ ޤައުމުތަކަށް ބާރުއަޅަމުންނެވެ. މިގޮތުން ސްވިޓްޒަރލޭންޑްގައި އަންނަ ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔަހޫދީ ޗެރިޓީ ޙަފްލާއެއްގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި ބުޝް ޖެނީވާއަށް ވަޑައިގަތުމުން އޭނާއާ ދެކޮޅަށް ޤާނޫނީ ފިޔަވަޅުތައް އެޅުމަށް މި ޖަމާއަތްތަކުން ގެންދަނީ ސްވިސްޒަރލޭންޑްގެ ޝަރުޢީ ދާއިރާ މެދުވެރިކޮށް މަސައްކަތްތަކެއް ކުރަމުންނެވެ. މިކަމަށް ބިރަށް ޔަހޫދީ ޗެރިޓީ ޖަމަޢަތުންވަނީ ޖެނީވާގައި ބޭއްވުމަށް ހަމަޖެހުނު މިޙަފްލާ ކެންސަލްކޮށްފައެވެ. -- ރޮއިޓާސް