27 Jan 2015, 23:00
ރާއްޖޭގައި ފުޓްބޯޅަ ކުރިއަރުވައި ފޯރި ގަދަކުރުމަށްޓަކައި، ބޮޑެތި ކްލަބްތަކަށް ދިމާވެފައިވާ އެންމެހައި މައްސަލަތަށް ދެނެގަނެ އެކަންކަމަށް ހައްލެއް ހޯދައިދިނުމަކީ އެ މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއްކަމަށް ޔޫތު މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރީން ކްލަބުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށްދިނުމަށްޓަކައި ކުރެވެން ހުރި ކަންތައްތަކާ ބެހޭގޮތުން މިސްނިސްޓަރު މަލީހު މިއަދު ވަނީ، ކުޅިވަރުގެ ގައުމީ މަޖިލީހުގެ މެންބަރުންނާއި، ފުރަތަމަ ޑިވިޝަންގެ ހަތަރު ކްލަބެއްގެ އޮފިޝަލުންނާއި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާގެ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންނާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ކުރިއަށް ގެންދަވާފައެވެ.
އެބައްދަލުވުމުގައި މިނިސްޓަރު މަލީހު ވިދާޅުވީ، "ފުޓުބޯޅަގެ ފޯރި އިތުރުކޮށް ޓީމުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ދިނުމަކީ މިނިސްޓްރީގެ އެންމެބޮޑު އަމާޒު" ކަމަށެވެ. އަދި މިހާރު ޓީމުތަކަށް ދިމާވެފައިވާ މައްސަލަތައް ސީޒަން ފެށުމުގެ ކުރިން ދެނެގަތުމަކީ މިނިސްޓްރީއަށާއި، އެފްއޭއެމް އަށްވެސް މިކަމުގައި ކުރިއަށް ދިއުމަށް ލިބިގެންދާނެ އިތުރު ފަސޭހައެއް ކަމުގައި މިނިސްޓަރު ވިދާޅުވި އެވެ.

ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކުރިއަށް ގެންދިޔަ އެ ބައްދަލުވުމައި މިއަދު ބައިވެރިވި ހަތަރު ކްލަބް ކަމަށްވާ، ނިއުރޭޑިއޭންޓް ސްޕޯޓްސް ކްލަބާއި، މާޒިއާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ވިކްޓްރީ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބް އީގަލްސްގެ މެނޭޖްމަންޓުން ވަނީ އެ ކްލަބްތަކަށް ދިމާވެފައިވާ މައްސަލަތަކާއި އަދި އެކަންކަމަށް ހައްލުލިބެން އޮތް ގޮތްތައްވެސް ހުށަހަޅާފައެވެ.
ޔޫތު މިނިސްޓްރީން ބުނީ، ފުރަތަމަ ޑިވިޝަންގެ އަށް ކްލަބާ އެކު ކުޅިވަރާބެހޭ ގައުމީ މަޖިލީހުން ކުރިއަށް ގެންދާ މަޝްވަރާތަކުގައި މާދަމާ ކްލަބް ވެލެންސިޔާއާއި އޯލް ޔޫތު ލިންކޭޖް (އޭވައިއެލް) އާއި، ބީޖީ ސްޕޯޓްސްގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބާ ބައްދަލުރަން ހަމަޖެހިފައިވާ ކަމަށެވެ.