އިންޑިއާ އަށް ކުރެެއްވި ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު، 29 ބޭފުޅުންގެ ވަފުދަކާ އެކު އެމެެރިކާގެ ރައީސް ބަރަކް އޮބާމާ މިއަދު ސައުދީ އެރެބިޔާ އަށް ވަޑައިގެންފި އެވެ.

އޮބާމާ ސައުދީ އަށް މި ވަޑައިގަތީ ސައުދީ ރަސްގެފާނު އަބްދުﷲ ބުނި އަބްދުއަޒީޒު މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަވަރާވުމާ ގުޅިގެން އެ ގައުމުގެ އިސް ފަރާތްތަކަށް ތައުޒިޔާ ދެންނެވުމަށެވެ.

އޮބާމާ އިންޑިއާގެ ތާޖުމަހަލަށް ކުރައްވަން އޮތް ދަތުރުފުޅު ކުރުކޮށްލެއްވުމަށް ފަހު ސައުދީއަށް ވަޑައިގަތީ ސައުދީ އާއި އެމެރިކާ އާ ދެމެދު އޮންނަ ޒަމާންވީ ގުޅުމަށް އިހްތިރާމު ކުރެއްވުމުގެ ގޮތުން ކަމަށް އެމެރިކާގެ ނޫސްތަކުން ބުންޏެވެ.

އެމެރިކާގެ ވޮޝިންގްޓަން ޕޯސްޓުން މިރޭ ބުނީ އޮބާމާގެ ދަތުރުފުޅުގައި އަބްދުﷲ ރަސްގެފާނު،90، އަށް ފަހު ސައުދީގެ ތަހުތަށް ވަޑައިގަތް ސަލްމާނު ބިން އަބްދުލްއަޒީޒާ ބައްދަލުކުރައްވައި ރަސްމީ ވާހަކަތައް ބާއްވާނެ ކަމަށެވެ.

އަދި އެމެރިކާގެ ޑެޕިއުޓީ ނޭޝަނަލް އެޑްވައިޒަރާ ހަވާލާދީ ރޮއިޓާސް އިން މިރޭ ބުނީ އޮބާމާ ސަލްމާނު ރަސްގެފާނާ ބައްދަލު ކުރައްވައި އިސްލާމިކް ސްޓޭޓްގެ މައްސަލަ އާއި ޔަމަނުގެ ހަމަނުޖެހުމުގެ މައްސަލަ އާއި އީރާންގެ ނިޔުކްލިއާ މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކަވާނެ ކަމަށެވެ.

އޮބާމާގެ ދަތުރުފުޅާ ދިމާކޮށް، އެެމެރިކާގެ މަތީ ފެންވަރުގެ ވަފުދު ސައުދީ އަށް ޒިޔާރަތް ކުރީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޯން ކެރީ އަރިހުގަ އެވެ. އެމެރިކާގެ ވަފުދުގައި ޖޯން ކެރީގެ އިތުރުށް ސެނެޓާ، ޖޯން މެކެއިން އާއި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ޖޭމްސް ބޭކާ އާއި އަދި ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް ކްންޑޮލީޒާ ރައިސް ފަދަ ބޭފުޅުން ހިމެނެ އެވެ.

އޮބާމާ އަށް ރިޔާޒުގެ ބައިނަލްއަގުވާމީ އެއާޕޯޓުން މަރުހަބާ ވިދާޅުވީ ރަސްގެފާނު ސަލްމާނެވެ. އެ ރަސްމިއްޔާތުގައި އާ ވަލީ އަހުދު މުގްރިން ބިން އަބްދުލް އަޒީޒް އާއި ވަލީ އަހުދުގެ ނައިބު މުހައްމަދު ބިން ނާއިފް ވެސް ހިމެނިވަޑައިގަންނަވަ އެވެ.