މާލޭގެ އިރުދެކުނު ފަރާތުގައި ބަހައްޓާފައިވާ ގާޑިއާތަކުން އުސްފަސްގަނޑު ސަރަހައްދުގައި ބަހައްޓާފައި ހުރި ގޮނޑި، މޭޒުތައް ނަގައި، އުސްފަސްގަނޑު ސާފުކޮށްފި އެވެ.

އުސްފަސްގަނޑު މިއަދު ސާފުކޮށްފައި ވަނީ "ގާޑިއާތަކުން އުސްފަސްގަނޑު ހިފައިފި" މި ސުރުހީގެ ދަށުން ސަން އޮންލައިންގައި ރިޕޯޓެއް ޝާއިއު ކުރިތާ 24 ގަޑިއިރު ނުވަނީސް އެވެ. އެ ރިޕޯޓުގައި ގާޑިއާތަކަށް ވިޔަފާރި ކުރުމަށް ދީފައިވާ "އިމުން" ބޭރުވެ، އުސްފަސްގަނޑުގައި މޭޒުތައް އަތުރައި، އެ ސަރަހައްދު ނާޖާއިޒް ގޮތުގައި ބޭނުން ކުރާ މައްސަލަ ސަރުކާރުގެ ވުޒާރާތަކުގެ ސަމާލު ކަމަށް ވާނީ ގެނެސްފަ އެވެ.

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިރޭ ވިދާޅުވި ގޮތުގައި އުސްފަސްގަނޑުގެ ސަރަހައްދުގައި ބަހައްޓާފައި ހުރި މޭޒާއި ގޮނޑިތައް ނެގުމުގެ ވިސްނުމަކީ ކުރިން ވެސް އެ މިނިސްޓުރީއިން ގެންގުޅުނު ވިސްނުމެއް ކަމަށެވެ. އެގޮތުން ގާޑިއާތައް ހިންގާ ފަރާތްތަކާއި މަޝްވަރާކޮށް އެތަކެތި އެ ސަރަހައްދުން ނަގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އުސްފަސްގަނޑުގައި އަތުރާފައި ހުރި ގޮނޑިއާއި މޭޒުތައް ނެގުމުން، ޕޭމަންޓުމަތީގައި ގޮނޑިތަކާއި މޭޒުތައް އަތުރާފައި-- ސަން ފޮޓޯ/ އަލީ ނަސީރު

އުސްފަސްގަނޑު ސަރަހައްދުގައި މިއަދުގެ ހެނދުނާއި ހަމައަށް ވެސް އެތައް މޭޒާއި ގޮނޑި އެއްހުރި ނަމަވެސް މިހާރު އެފަސްގަނޑު ވަނީ ހުސްކޮށްފަ އެވެ. ނަމަވެސް އަދިވެސް ބޮޑުތަކުރުފާނު މަގުގެ ޕޭމަންޓާއި ދަރުބާރުގޭ ފުރަގަހުން އޮންނަ ޕާކް ތެރޭގައި ގިނަ އަދަދެއްގެ ގޮނޑި މޭޒު ޖަހައިގެން ގާޑިއާތަކުން އެބަ ހިދުމަތް ދެއެވެ.

ރެއާ ހަމައަށް ވެސް އުސްފަސްގަނޑާއި ބޭރުމަގުގެ ޕޭމަންޓުތައް ވެސް ވަނީ ގޮނޑިމޭޒުން ފުރާފަ އެވެ. ކަސްރަތު ޕާކުގެ ބޮޑު ބައެއް ވެސް ވަނީ މޭޒާއި ގޮނޑިން ފުރާލާފަ އެވެ. ނީލަން ފިހާރައިގައި ވިއްކަން ހުރިނަމަ ހުރިހާ މޭޒަކާއި ގޮނޑިއެއް އެތަނަށް ގެނެސް ޖަހާފައި ހުރި އިރު ރެސްޓޯރެންޓެކޭ ތަފާތެއް ނެތެވެ.

އެތައް ބަޔަކު ހިތް އުފާކޮށްލަން ދާ އުސްފަސްގަނޑު ސަރަހައްދުގައި މޭޒުތަކުން "ތޮއްޖެހިފައިވުމުން" އެތައް ބަޔަކަށް އޭނެ އުނދަގޫވެގެން ޝަކުވާތައް ވަނީ ކޮށްފަ އެވެ.
ގާޑިއާތަކުން އުސްފަސްގަނޑުގައި މޭޒު އަތުރައި އެތަނުގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކުރަނީ: ހައުސިން މިނިސްޓްރީން ވަނީ އެކަން ހުއްޓުވައި، އެތަން ހުސްކޮށްފައި-- ސަން ފޮޓޯ/ އަލީ ނަސީރު