27 Jan 2015, 21:48
އެމްޓީސީސީ އާއި އެޗްޑީސީ އަދި އެމްޕީއެލް ގުޅިގެން ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުންޏެއް ހެދުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
އެމްޓީސީސީގެ ހެޑްއޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމެވެ. އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މަހުދީ އިމާދެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން އެވެ.
އެ ތިންކުންފުނި ގުޅިގެން އުފައްދާ ޖޮއިންޓް ކުންފުނީގެ ނަމަކީ "ޓްރާންސްޕޯޓް ފޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" އެވެ. އެމްޓީސީސީން ބުނިގޮތުގައި ދަތުރުފަތުރުގެ ޚިދުމަތަށް ޚާއްސަކޮށްގެން ކުންފުންޏެއް އުފެއްދުމުގެ ބޭނުމަކީ ކަސްޓަމަރުންނަށް ދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމާއި ދަތުރުފަތުރުގެ ޚިދުމަތް ޒަމާނީ ފެންވަރަށް ތަރައްގީކުރުމެވެ.
އެ ކުންފުނި ހަދާފައި ވަނީ އެމްޓީސީސީގެ 40 ޕަސެންޓު ހިއްސާ އާއި އެޗްޑިސީގެ 40 އިންސައްތަ ހިއްސާ އާއި އެމްޕީއެލްގެ 20 އިންސައްތަ ހިއްސާ ހިމެނިގެންނެވެ.
ސޮއިކުރެއްވުމަށްފަހު މީޑިއާ އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ ސީއީއޯ ހަލީމް ވިދާޅުވީ އެ ތިންކުންފުނި ގުޅިގެން ކުރާ މަސައްކަތުގެ ދަށުން ހުޅުމާލެ އާއި މާލޭގެ އިތުރުން މާލެއާއި ހުޅުލެއާ ދޭތެރޭގައި ފެރީގެ ޚިދުމަތް ދޭނެ ކަމަށެވެ. އަދި އޭގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ތެރެއިން ބަހުގެ ޚިދުމަތްވެސް ދޭނެ ކަމަށާއި އެ މަސައްކަތުގެ ދަށުން މާޗްމަހުގެ ތެރޭގައި ދެ ފެރީވެސް ގެންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ ހިތްގައިމު ފެރީތަކާއި ބަސްތަކާއި ޓާމިނަލްތައް ގާއިމްކޮށް ދަތުރުވެރިންނަށް ދޭ ޚިދުމަތުގެ ފެންވަރު މިކުންފުނީގެ ތެރެއިން ދުވަހުން ދުވަހަށް ރަނގަޅުކުރުން. އަޅުގަނޑުމެން ބޭނުންވޭ ނެގޭ އަގާ އެކަށީގެންވާ ވަރުގެ ޚިދުމަތެއް ދޭން،" ހަލީމް ވިދާޅުވި އެވެ.
އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސައިމަން ވިދާޅުވީ އެ ކުންފުނި އުފެއްދުމުގައި އެޗްޑީސީން ބައިވެރިވަނީ ދަތުރުފަތުރަކީ ހުޅުމާލެ ތަރައްގީކުރުމުގެ ޒިންމާ އުފުލާ ފަރާތްކަމުގައި ވާތީ ކަމަށެވެ. އެހެންކަމުން ފުރިހަމަ ދަތުރުފަތުރުގެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން އެކުންފުނިން ދޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.