ވިލިމާލޭ ކުޑަކުދީންގެ ހިޔާގައި ރަސްމީކޮށް ސީސީޓީވީ ސެކިއުރިޓީ ސިސްޓަމް ބޭނުން ކުރަން ފަށައިފި އެވެ.

ކުރުނބާ މޯލްޑިވްސްގެ ފަރާތުން ވެދެއްވި އެހީގައި ހަރުކުރު ސީސީޓީވީ ލޯންޗުކޮށްދެއްވާފައިވަނީ އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އެވެ. އެ ހަފްލާގައި ކުރުނބާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު ޖޭސަން ކްރޫޒް ބައިވެރިވެވަޑައިގަތެވެ.

އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެޓާނީ ޖެނެރަލް ވިދާޅުވީ، ކުޑަކުދީންގެ ހިޔަލުގައި ހަރުކުރެވުނު ސީސީޓީވީ ކެމެރާތަކަކީ ކުޑަ ކަމެއް ކަމުގައި ގިނަ ބަޔަކު ދެކުނު ކަމުގައި ވިޔަސް އެއީ ކުޑަކުދިންގެ ރައްކާތެރި ކަމަށް އެޅިގެންދާ ވަރަށް ބޮޑު ފިޔަވަޅެއް ކަމަށެވެ.

"މިއީ [ކެމެރާ ހަރުކުރެވުން] އޭގެ ޒާތުގައި ބަލާނަމަ އެހާ ބޮޑު ކަމަކަށް ނުވެދާނެ. ނަމަވެސް މިއީ ވަރަށް މުހިއްމު ކަމެއް. މިއީ އަޅުގަނޑުމެންގެ މިތާ ތިބި ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅިގެންދާ ވަރަށްބޮޑު ފިޔަވަޅެއް،" އަނިލް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހިޔާގައި މިއަދު ބޭނުން ކުރަން ފަށާފައިވާ 23 ސީސީޓީވީ ކެމެރާތައް ހަރުކޮށްފައިވަނީ ލިންކްސާވްގެ އެހީތެރިކަމާއެކު އެވެ.

ކުރުނބާ މޯލްޑިވްސް އިން މީގެ ކުރިންވެސް ކުޑަކުދިންގެ ހިޔާއަށް އެކި ގޮތްގޮތުން އެހީތެރިވެފައިވެ އެވެ. އެގޮތުން އެ ހިޔާއަށް ހަތަރު ކޮމްޕިއުޓަރު ސިސްޓަމް ވަނީ ކުރުނބާއިން ހަދިޔާ ކޮށްފައެވެ. މީގެ އިތުރުންވެސް ކުޑަކުދިންގެ ހިޔާގައި ބާއްވާ ގިނަ ހަފްލާތަކުގައި ކުރުނބާއިން އަންނަނީ ބައިވެރި ވަމުންނެވެ.