ފުރަތަމަ މަރުހަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް 10 ދުވަހުގެ ތެރޭގައި އިސްތިއުނާފުކުރަންޖެހޭ ގޮތަށް ސުޕްރީމް ކޯޓުން ހަމަޖައްސައިފި އެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ވަނީ ސުޕީރިއާ ކޯޓުތަކާއި މެޖިސްޓްރޭޓް ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުމެއް އިސްތިއުނާފުކުރަން ބޭނުންނަމަ އެ މައްސަލައެއް ނިންމިތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަށް އެ ސާކިއުލާގައި ބަޔާންކޮށްފައިވާ ފޯމް ފުރިހަމަކޮށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އަދި އެ ފޯމް ހުށަހަޅާތާ ހަތް ދުވަހުގެ ތެރޭގައި އެ ކޯޓަކުން ނުވަތަ ޓްރައިބިއުނަލުން އެފޯމާއި އެ މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ހައިކޯޓަށް ފޮނުވަންޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.

މީގެއިތުރުން ހައިކޯޓަށް އެ ލިޔުންތައް ލިބޭތާ ހަތް ދުވަހުގެ ތެރޭގައި އެކަން ކަމާބެހޭ ފަރާތަށް އެންގުމާއެކު އިތުރު ހުށަހެޅުމެއް ހުށަހެޅުމަކާ ނުލައި، އެ މައްސަލަ އިސްތިއުނާފުކޮށް ނިންމުމަށްޓަކައި އިޖުރާއީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅަންޖެހޭނެ ކަމަށް ވެސް އެ ސާކިއުލާގައި ވެއެވެ.