27 Jan 2015, 19:56
ރާއްޖޭގެ ވަރުގަދަ އެއް ކްލަބް ކަމަށްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މެއިން ސްޕޮންސަރަކަށް އޭޑީކޭ ހަމަޖައްސައި، އެ ޓީމްގެ ކޯ ސްޕޮންސަރަކަށް ޓީ ސިޕްސް ހަމަޖައްސައިފި އެވެ.
މިއަދު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މާޒިޔާގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި ސްޕޮންސަރޝިޕް އެގްރީމަންޓުގައި އޭޑީކޭގެ ފަރާތުން ސޮއި ކުރެއްވީ އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގް ޑައިރެކްޓަރު އަހުމަދު އައްފާލް އެވެ. އަދި މާޒިޔާގެ ފަރާތުން އެ އެގްރީމަންޓުގައި ސޮއިކުރެއްވީ އެ ކްލަބުގެ ޗެއާމަން އަހުމަދު ސާޖިދު އެވެ.
ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގެ ނިޔަލަށް ވެވުނު އެ އެއްބަސްވުމުގެ ދަށުން މާޒިޔާއަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭން އޭޑީކޭއިން ހަމަޖެހިފައި ވާއިރު، މަޒިޔާވެސް އޭޑީކޭއިން ހިންގާ ޕްރޮމޯޝަނަލް އިވެންޓުތަކާއި ހަރަކާތްތަކުގައި ބައިވެރިވާނެ ކަމަށް އެ ކްލަބުން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އައްފާލް ވިދާޅުވީ، މާޒިޔާއަކީ ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް ކްލަބް ކަމަށް މިހާރު ކުރިއަށްދާ ޕީޕަލްސް ކަޕް މުބާރާތުންވެސް އެ ޓީމް ދައްކުވައިދީފައި ވާކަމަށެވެ. އަދި ސްޕޮންސާޝިޕް އެގްރީމަންޓުގެ ދަށުން އަހަރުތެރޭ މާޒިޔާއަށް ފޯރުކޮށްދެވެން އޮތް ހުރިހާ އެހީތެރިކަމެއްވެސް ފޯރު ކޮށްދޭނެ ކަމަށް އައްފާލް ވިދާޅުވި އެވެ.
"މާޒިޔާއަކީ ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު އެއް ކްލަބް ކަމަށް އަޅުގަނޑުމެން ދެކެން. މިހާރު ކުރިއަށްދާ ޕީޕަލްސް ކަޕުންވެސް އެ ޓީމް ދަނީ އެކަން ދައްކުވައިދެމުން. މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި ހަރަކާތްތެރި ވާނީ މާޒިޔާއަށް ބޭނުންވާ އެކިއެކި ކަންކަން ފަހިކޮށްދިނުމަށް ހަމަ މެއިން ސްޕޮންސަރެއްގެ ގޮތުގައި. އެ ކަންތައްތައް މި ކޮންޓްރެކްޓުގެ މުއްދަތުގެ ތެރޭގައި އަޅުގަނޑުމެން ދާނީ ޑިޓާމައިން ކުރަމުން،" އައްފާލް ވިދާޅުވި އެވެ.
އޭގެ އިތުރުން އެ ރަސްމިއްޔާތުގައި މާޒިޔާގެ ކޯ ސްޕޮންސަރެއްގެ ގޮތުގައި ޓީ ސިޕްސް އާއެކުވެސް ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ޓީ ސިޕްސްގެ ފަރާތުން ސްޕޮންސާޝިޕް އެގްރީމަންޓުގައި ސޮއި ކުރީ އޭޑީކޭ ކުންފުނީގެ މެނޭޖިންގް ޑައިރެކްޓަރު ފަޒްލާ ހަސަން އެވެ. އަދި މާޒިޔާގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ އެ ކްލަބްގެ ހަޒާންދާރު ފާތިމަތު ޝާއިރާ އެވެ.
މާޒިޔާއިން ބުނި ގޮތުގައި މި އަހަރުގެ ފުޓްބޯޅަ ސީޒަންގެ ނިޔަލަށް މުއްދަތު ކަނޑައެޅިފައިވާ ކޯ ސްޕޮންސާޝިޕް އެގްރީމަންޓުގެ ދަށުން، ޓީ ސިޕްސްއިން ހިންގާ ހަރަކާތްތަކުގައި މާޒިޔާ ބައިވެރިވުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ސްޕޮންސަރެއްގެ ގޮތުގައި މާޒިޔާއަށް ފޯރުކޮސްދޭން ޖެހޭ އެހީތެރިކަން އެ އެއްބަސްވުމުގެ ދަށުން ޓީ ސިޕްސް އިންވެސް ފޯރުކޮށްދޭނެ ކަމަށް މާޒިޔާއިން މައުލޫމާތު ދިނެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ޓީސިޕްސްގެ ފަރާތުން ވާހަކަ ދައްކަމުން ފަޒްލާ ވިދާޅުވީ އެ ކުންފުންޏާ މާޒިޔާއާ ދެމެދު އޮންނަނީ ވަރަށް ދުވަސްވީ ރަހުމަތްތެރި ކަމެއް ކަމަށާއި، ކުރިއަށް އޮތް އަހަރު މާޒިޔާއާއެކު މަސައްކަތް ކުރުމުގެ އިތުރުން، ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައިވެސް އެ ކުންފުނިން މާޒިޔާއާ ވަރަށް ގާތްކޮށް މަސައްކަތް ކޮށްފައި ވާނެ ކަމަށެވެ.