ވިލިމާލޭ ގެއެއްގެ ތެރޭން މަރުވެފައި އޮތް މީހަކު ފެނިއްޖެ އެވެ.

އެކަމާ ގުޅޭ ގޮތުން 'ސަން'އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ވިލިމާލޭ ގެއެއްގެ ތެރޭން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް މިއަދު އިރު އޮއްސި، 6:30 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ އެހީތެރި ކަމާއެކު އެމީހާ ވިލިމާލެ ސިއްޚީ މަރުކަޒަށް ގެންދެވުނު އިރުވެސް މަރުވެފައި ވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ވ. ހެވާ ކޮޓަރިއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 38 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ މަރުވާން ދިމާވި ސަބަބު އަދި ޔަގީން ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިތުބާރު ކުރެވޭ ފަރާތަކުން 'ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވެފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން، އޯވަރޑޯޒް ވެގެންނެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އިތުރަށް ބުނެފައި ވަނީ، ފުލުހުންގެ ސީން އޮފް ކްރައިމް އޮފިސަރުންނާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ތަހުގީގު ޓީމެއް އެ ގެއަށް ގޮސް، އެމީހާ އޮތް ތަން ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ބައެއް އެއްޗިއްސާއި ސިރިންޖެއް ފެނިފައިވާ ކަމަށެވެ. އޭގެ އިތުރުން، ތަޙުގީގަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.