ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގައި މާދަމާ ރޭ ޕީޑީއާރްއެމްއާ ދެކޮޅަށް މާޒިޔާ ނިކުންނައިރު، މި އަހަރުގެ ފުޓްބޯޅަ ސީޒަނަށް ވުރެ މި ވަގުތު އެޓީމަށް މުހިއްމީ ޕީޕަލްސް ކަޕް ކާމިޔާބުކޮށް އެ މުބާރާތުގެ ތަށިރާއްޖޭގައި ބެހެއްޓުން ކަމަށް މާޒިޔާގެ ކޯޗް އަލީ ސުޒޭން ބުނެފި އެވެ.

މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަމުން ސުޒޭން ބުނީ ރާއްޖޭގެ ފުޓްބޯޅައަށް ކޮށްދެވޭ ހިދުމަތެއްގެ ގޮތުގައި އެ މުބާރާތް ކާމިޔާބު ކުރުން މާޒިޔާއަށް ވަރަށް މުހިންމު ކަމަށެވެ. އަދި ގިނަ ދުވަސްތަކަކަށް ފަހު އެ މުބާރާތް ބޭއްވިގެން ދާއިރު، މުބާރާތުގެ ތަށި ރާއްޖޭގައި ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސުޒޭން ވަނީ ފާހަގަ ކޮށްފައެވެ.

"ފުޓްބޯޅަ ސީޒަނަށް ވުރެ ބޮޑަށް މިވަގުތު މާޒިޔާއަށް މި މުބާރާތް މުހިއްމު. އެއީ ގިނަ ދުވަސްތަކަކަށްފަހު މި މުބާރާތް އަލުން ބޭއްވިގެން ދާއިރު، ބޭރު ޓީމެއް މުބާރާތުގެ ތަށި ގެންދިޔުމުން ކޮންމެވެސް ވަރަކަށް ދިވެހިންގެ ވިސްނުން ބަދަލުވެދާނެ. ނަމަވެސް ދިވެހި ޓީމެއް މުބާރާތުގެ ތަށި ކާމިޔާބު ކޮށްފިއްޔާ އަންނަ އަހަރުވެސް މި މުބާރާތަށް ދިވެހިން އިންތިޒާރު ކުރާނެ. އަދި ދިވެހި ފުޓްބޯޅައާ މެދު ދެކޭ ގޮތާއި ވިސްނުންވެސް ބަދަލުވާނެ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މާދަމާ ރޭގެ މެޗަށް ނިކުންނައިރު ބޭނުން ކުރަން ވިސްނަނީ މީގެ ކުރިން ޕީޑީއާރްއެމް އާ ދެކޮޅަށް ކުޅުނު މެޗުގައި ބޭނުންކުރި ފުރަތަމަ 11 ކަމަށާއި، ޓީމްގައި އިންޖަރީގެ މައްސަލައެއް ނެތުމުން ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ނަމަވެސް ޕީޑީއާރްއެމް އަކީ މާޒިޔާއަށް ވުރެ ފެންވަރު ރަނގަޅު ޓީމެއްކަން ފާހަގަކޮށް، ވަކިން ހާއްސަކޮށް އަޝްފާގު އެ ޓީމުގައި ހުންނައިރު މާޒިޔާ ވިސްނައިގެން ކުޅެން ޖެހޭ ކަމަށް ސުޒޭން ބުންޏެވެ.

"ޕީޑީއަރްއެމް މާޒިޔާއަށް ވުރެ ވަރުގަދަ. ނަމަވެސް އެއީ މާޒިޔާއަށް ބަލި ނުކުރެވޭނެ ޓީމެއް ނޫން. ވަކިން ހާއްސަކޮށް ދަގަނޑޭއާ އިދިކޮޅަށް ކުޅޭއިރު މެޗުކީ ފަސޭހަ މެޗަކަށް ނުވާނެ. ނަމަވެސް ޕީޑީއާރްއެމްގެ ކުޅުންތެރިންނަށް ދޭން ޖެހޭ ރެސްޕެކްޓް ދީގެން، ވިސްނައިން މެޗު ކުޅެފިއްޔާ މާޒިޔާއަށް ޗާންސް އެބޮތް. މި މެޗަށް ޓީމްގައި އިންޖަރީއެއްވެސް ނެތް. އެހެން ކަމުން ފުލް ސްކޮޑު ބޭނުން ކުރެވޭނެ. އެއީވެސް ލިބިގެންދާ ހިތްހަމަ ޖެހުމެއް. އަދި ޓީމްގައި އުޅޭ ކޮމިއުނިކޭޝަން މައްސަލައަކަށް މިހާރު ވަނީ އެޑްރެސް ކުރެވިފައި. އެހެން ކަމުން މެޗުގައި ފަހަތުން އަރާ ޕީޑީއާރްއެމްއަށް ލަނޑުތަކެއް ކާމިޔާބު ކުރެވޭނެ ކަމަށް ނުބެލެވޭ،" ސުޒޭން ބުންޏެވެ.

ސުޒޭން ބުނީ މި މުބާރާތަކީ އޭނާގެ ޓީމުގައި ތިބި، ބައިނަލްއަގްވާމީ މެޗުތަކެއް ކުޅެފައި ނުވާ ޒުވާން ކުޅުންތެރިންނަށް އޭފްސީ މުބާރާތުގެ ކުރިން ލިބިގެންދާ ވަރަށް ރަނގަޅު ތަޖުރިބާއެއް ކަމަށެވެ. އަދި މާދަމާ ރޭގެ މެޗުގައި "90 މިނެޓު ދަނޑުގައި އިނދެލައިގެން ބަލައިލަން ވޯތު" ކުޅުމެއް ފެނިގެން ދާނެކަން ފާހަގަކޮށް، ސުޒޭން ވަނީ މާޒިޔާގެ ސަޕޯޓަރުންގެ ކިބައިން ދަނޑަށް އައިސް ޓީމަށް ސަޕޯޓު ކޮށްދިނުމަށް އެދިފައެވެ.