ވޭތުވެ ދިޔަ ފަސް އަހަރާއަޅާ ބަލާއިރު ކުށަަށް އަރައިގަންނަ ކުޑަކުދިންގެ ތެރެއިން އެންމެ ހަގު އުމުރުގެެ ގޮތުގައި ރެކޯޑް ކުރެވޭ އުމުރު ހަގުވަމުން އަންނަ ކަމަށް ޖުވެނަލް ޖަސްޓިސް ޔުނިޓް (ޖޭޖޭޔޫ) އިން ބުނެފި އެވެ.

މިދިޔަ އަހަރު ގާނޫނާއި ގަވާއިދާ ހިލާފުވެގެން އެ ޔުނިޓަށް ހުށަހަޅާފައިވާ، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ މައްސަލަަތަކުގެ މައްޗަށް އެ ޔުނިޓުން ތައްޔާރުކޮށްގައިވާ ރިޕޯޓްގައި ބުނެފައިވަނީ ހުސްވި އަހަރު ޖުމްލަ 167 ކުދިންގެ މައްސަލަ އެ ޔުނިޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ހަގު އުމުރެެއްގެ ގޮތުގައި މިހާތަނަށް ރެކޯޑްކުރެވިފައި ވަނީ 11 އަހަރުގެ ކުއްޖެއްގެ މައްސަލަ އެވެ.

"މިކުދިންނަކީ އަހުލާގީ ތަފާތު މައްސަލަތަކުގައި ފުލުސް އޮފީހަށް ހާޒިރުކުރެވި، ތަކުރާރުކޮށް ނަސޭހަތްދެވިފައިވާ ކުދިން. ކޮންމެ އަހަރަކު ކުށަަށް އަރައިގަންނަ ކުދިންގެ ތެރެއިން އެންމެ ހަގު އުމުރުގެ ގޮތުގައި ރިކޯޑް ކުރެވޭ އުމުރު ދަނީ ހަގުވަމުން،" ޖޭޖޭޔޫގެ ރިޕޯޓްގައިވެ އެވެ.

މީގެއިތުރުން ގާނޫނާއި ގަވާއިދާ ހިލާފުވެގެން 539 ކުދިންގެ މައްސަލަ މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވެ އެވެ. އެއީ 2013 ވަނަ އަހަރާ އަޅައިބަލާއިރު ދަށް އަަދެެއް ކަމަށް ޖޭޖޭޔޫ އިން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ފުލުހުން އާއްމުކޮށްފައިވާ ތަފާސްހިސަބުތައް ދައްކާ ގޮތުގައި ފާއިތުވި އަހަރު، 18 އަހަރުން ދަށުގެ ކުދިންގެ ތެރެއިން ގާނޫނާ ގަވާއިދާ ހިލާފްވެގެން ތަހުގީގުކޮށްފައިވާ މައްސަލަތަކުގެ ތެެރެއިން ގިނައިން ހުށަހެޅިފައިވަނީ 16 އަހަރާއި 17 އަހަރާއި ދެމެދުގެ ކުދިންގެ މައްސަލަތަކެވެ.

އެގޮތުން މިދިޔަ އަހަރު ޖޭޖޭޔޫއަށް އެންމެ ގިނައިން ހުށަހެޅިފައިވަނީ ފިރިހެން ކުދިންގެ މައްސަލަތަކެވެ.

މިދިޔަ އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވަނީ މަސްތުވާތަކެތި އަތުގައި ބެހެއްޓުމުގެ މައްސަލަތަކެވެ. މީގެއިތުރުން ބޮޑެތި މާރާމާރީއާއި އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލަތައް ވެސް ހިމެނެ އެވެ. އަދި ބޮޑެތި އަނިޔާވެރި ކުށްތަކުގައި ކުޑަކުދިން ޝާމިލްވާކަމަށް ރެކޯޑްތަކުން ދައްކަ އެވެ. އޭގެތެެރޭގައި ބޮޑެތި މާރާމާރީ އާއި މަރުގެ މައްސަލަތައް ހިމެނެ އެވެ.

ކުށުގެ އެކިއެކި މައްސަލަތަކުގައި މިދިޔަ އަހަރު ގެންދިޔަ ކުދިންގެ ތެރެއިން 61 އިންސައްތަ ކުދިންނަކީ ކިޔެވުން ވަކިހިސާބަކުން ދުކޮށްލާފައިވާ ކުދިންނެވެ. އަދި 16 އިންސައްތަ ކުދިންނަކީ ސްކޫލްގައި އުޅޭ ކުދިންނެވެ. އޭގެތެރެއިން 10 އިންސައްތަ ކުދިންނަކީ އޯލެވެލް ނިންމާފައިވާ ކުދިންނެވެ. އަދި އެއް އިންސައްތަ ކުދިން ދުވަހަކު ވެސް ސްކޫލަށް ނުދާ ކަމަށް ވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ އަހަރު އެންމެ ގިނައިން ކުދިން ކިޔެވުން ހުއްޓާލާފައިވަނީ ގްރޭޑް 8 ކުންނެވެ. އަދި ގްރޭޑް 7 އަދި 9 އިން ވެސް ކިޔެވުން ހުއްޓާލައިފައިވާ ކަމަށް ތަފާސް ހިސާބުތައް ދައްކަ އެވެ.