ޕީޕަލްސް ކަޕްގެ ފައިނަލް މެޗުގައި މާދަމާ ރޭ ޕީޑީއާރްއެމް އާއި މާޒިޔާ ބައްދަލުކުރާ އިރު، އެ މެޗުގައި ސަޕޯޓަރުން ބަލާ ހިތްވާ ފަދަ ކުޅުމެއް ދެއްކޭތޯ ބަލާނެ ކަމަށް ޕީޑީއާރްއެމްގެ އެސިސްޓަންޓް ކޯޗް މުހައްމަދު ފައުޒީ ޕިލަސް ބުނެފި އެވެ.

މެޗުގެ ކުރިން ނޫސްވެރިނަށް މައުލޫމާތު ދެމުން ފައުޒީ މިއަދު ބުނީ މާޒިޔާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށްށާއި، އެ ޓީމާ ދެކޮޅަށް ރަނގަޅު މެޗެއް ކުޅެވޭތޯ ބަލާނެ ކަމަށެވެ. އަދި މާދަމާގެ މެޗުގައި އަޝްފާގުގެ ސަޕޯޓަރުންނަށްވެސް އޭނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ފައުޒީ ބުންޏެވެ.

"މާޒިޔާއަކީ ތަޖުރިބާ ހުރި ކުޅުންތެރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެއް. އެހެން ކަމުން މާދަމާ ރޭގެ މެޗުގައި އަހަރުމެންގެ އެންމެ ރަނގަޅު ކުޅުން ދެއްކޭތޯ ބަލާނަން. މެޗުގައި ސަޕޯޓަރުން ބަލާ ހިތްވާ ކުޅުމެއް ދެއްކޭތޯ މަސައްކަތް ކުރާނަން. އަދި އަޝްފާގުގެ ސަޕޯޓަރުންނަށް އެނާގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދާނެކަމަށް އުންމީދު ކުރަން. މިހާތަނަށް އޭނަ ވަރަށް ނަސީބު ދެރަ، ނަމަވެސް މާދަމާ ރޭގެ މެޗުގައި އޭނާ ސްކޯ ކުރާނެ ކަމަށް އުންމީދު ކުރަން،" ފައުޒީ ބުންޏެވެ.

ފައުޒީ ބުނީ ފައިނަލް މެޗުގައި ކުޅުމަށް ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް ބޮޑަށް ތައްޔާރަށް ކަމަށެވެ. އަދި ޕީޑީއާރްއެމްގެ ޑިފެންސަށް ކުޅެމުން އަންނަ ނައިޖީރިއާގެ ކުޅުންތެރިޔާ ކުގެބޭގެ އިންޖަރީވެސް މެޗަށް ރަނގަޅު ވާނެ ކަމަށް އުންމީދު ކުރެވޭ ކަމަށް ފައުޒީ ބުންޏެވެ.

"ޓީމްގެ ޑިފެންސަށް ކުޅޭ އެއް ކުޅުންތެރިއަކު ފިޔަވާ ޓީމްގެ ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗު ކުޅެން ވަރަށް ތައްޔާރަށް. އަދި މެޗަށް ނައިޖީރިއާގެ ޑިފެންޑަރުވެސް ފިޓް ވާނެ ކަމަށް އުންމީދު ކުރެވޭ، އޭނާއަށް ލިބިފައި ވަނީ ވަރަށް ކުޑަ އިންޖަރީއެއް. މެޗުގައި ނަތީޖާ ނެރުމަށް އަހަރުމެން ދޫކޮށްލާނީ ކުޅުންތެރިންނަށް، ވަކިން ހާއްސަކޮށް އަޝްފާގަށް. މި މުބާރާތުގައި އެނާ ހުރީ ވަރަށް ބޮޑަށް ލަނޑެއް ކާމިޔާބު ކުރާ ހިތުން،" ފައުޒީ ބުންޏެވެ.

އޭގެ އިތުރުން ފައުޒީ ވަނީ މި މުބާރާތަށް ޕީޑީއާރްއެމްއަށް ދިން ދައުވަތަށް ރާއްޖޭގެ އެފްއޭއަށް ޝުކުރު އަދާކޮށް، އެ ޓީމަށް ސަޕޯޓު ކުރަމުންދާ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ. އަދި މި މުބާރާތުގައި ބައިވެރި ވުމަށް ލިބުނު ފުރުސަތާ މެދު ވަރަށް އުފާ ކުރާ ކަމަށާއި، ސަޕޯޓަރުން ދެމުން ގެންދާ ސަޕޯޓު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށްވެސް ފައުޒީ ބުންޏެވެ.

ޕީޕަލްސް ކަޕްގެ ފައިނަލްގައި މާދަމާ ރޭ ޕީޑީއާރްއެމް މާޒިޔާއާ ދެކޮޅަށް ނިކުންނަ އިރު، ޕީޑީއާރްއެމްއަށް އެ މުބާރާތުގައި ބަލި ނުކުރެވޭ ހަމައެކަނި ޓީމަކީ މާޒިޔާ އެވެ. މުބާރާތުގައި އެ ދެ ޓީމް ބައްދަލުކުރި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއަކުން އެއްވަރު ވެގެނެވެ.