ބަޣްދާދު (ޖަނަވަރީ27): އިރާގު ސިފައިންނާ ގުޅިގެން އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރާ އިރާގުގެ ޝިޔަޢީ މިލީޝިޔާތަކުން ސުންނީންނާ ދެކޮޅަށް ބިރުވެރި ގަތްލުއާންމެއް ހިންގައިފިކަން އެގައުމުގެ ސުންނީ ލީޑަރުން ހާމަކުރައްވައިފި އެވެ.

ޢިރާގުގެ ސުންނީ ބައެއް ލީޑަރުން ވިދާޅުވާގޮތުން އިރާގު ސިފައިންނާ ގުޅިގެން އައިއެސް ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރާ ޝިޔަޢީ މިލީޝިޔާތަކުން މިގަތްލުއާންމު ހިންގާފައިވަނީ ދިޔާލީ ގަވަރނޭޓްގެ ޝިރްވީން ސަރަހައްދުގެ ވިލެޖްތަކުގެ ސުންނީންނާ ދެކޮޅަށެވެ. މިގަތްލު އާންމާބެހޭ ގޮތުން މަޢްލޫމާތު ދެއްވަމުން އިރާގުގެ ޕާލަމެންޓް މެންބަރެއް ކަމަށްވާ ނާހިދާ އައްދާއިނީ ވިދާޅުވީ އިރާގު ސަރުކާރުން މިކަމަށް ލޯމަރާލައިގެން އޮންނަކަމަށާއި ގަތްލު އާންމު ހިންގައި ހަތްދިހަ އަށް ވުރެ ގިނަ ސުންނީން މަރާލާފައިވާއިރު މީގެތެރޭގައި އަންހެނުންނާއި ތުއްތު ކުދިންވެސް ހިމެނޭކަމުގަ އެވެ.

އިރާގުގެ ޕާލަމެންޓްގެ ރައީސް ސަލީމްއަލްޖައްބޫރީ ވިދާޅުވީ މިގަތްލު އާންމުގައި 70 އަށް ވުރެ ގިނަ އާންމުން މަރާލާފައިވާ ކަމަށާއި މިކަން ބަލައި ތަހްގީގް ކުރުމަށް ޕާލަމެންޓް ސަލާމަތާ ބެހޭ ކަންކަމާބެހޭ ކޮމިޓީއަށް އަމުރު ކޮށްފައިވާނެކަމުގަ އެވެ. މިގަތްލު އާންމުގައި ޝިޔައީ މިލީޝިޔާތަކުގެ ހަނގުރާމަވެރިން ތުއްތު ކުދިން މަރާލާފައިވަނީ މަންމަގެ އުނގުގައި ތިއްބައި އެކުދިން ގަދަކަމުން އަތުލައިގެންގެންގޮސް އެކުދިންގެ ބޮލަށާއި މެއަށް ބަޑިޖަހައިގެން ކަމަށާ މަންމައިންނާއި ދައްތައިންފަދަ އަންހެނުން މަރާލާފައިވަނީ އެމީހުންގެ އުނގުގައި ކޮށްކޮމެން ތިއްބައި އެމީހުންގެ ބޮލަށް ބަޑިޖަހައިގެން ކަމަށްވެސް އިރާގުގެ ސުންނީ ލީޑަރުން ވިދާޅުވި އެވެ. އިރާގު ސިފައިންނާއެކު އައިއެސްއާ ދެކޮޅަށް ހަނގުރާމަކުރާ މިލީޝިޔާ ހަނގުރާމަވެރިންގެ ތެރޭގައި ގިނައީ ޝިޔައީންނެވެ. ނަމަވެސް އިރާގު ސަރުކާރަށް ތާއީދުކުރާ ސުންނީ ބައެއް ގަބީލާތަކުގެ ޒުވާނުންވެސް މި މިލީޝިޔާތަކުގައި ހަރަކާތްތެރިވަމުންދެ އެވެ.

މިގަތްލުއާންމާ ގުޅޭގޮތުން އިރާގުގެ ބޮޑުވަޒީރު ހައިދަރުލްއައްބާދީގެ ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއްނުވެ އެވެ. އިރާގުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންގެ ތެރޭގައި ހިމެނޭ ސުންނީންނާއި ޝިޔަޢީން ތަފާތުކޮށް ޝިޔަޢީންނަށް އިސްކަންދޭކަމަށް ޚަބަރުތައް ބުނެ އެވެ. އިރާގުގެ ޕާލަމެންޓްގައި ހިމެނޭ ސުންނީ މެންވަރުންވަނީ ސަރުކާރަށް ތާއީދުކުރާ މިލީޝީޔާތަކުން މިހާބޮޑު ގަތްލުއާންމެއް ހިންގާފައިވީނަމަވެސް އެޖަރީމާތަކަށް އިރާގުގެ ބޮޑުވަޒީރު ހައިދަރުލް އައްބާދީގެ ރާގުގެ ސަރުކާރުން ލޯމަރާލައިގެން އޮންނަ ކަމަށް ތުހުމަތު ކުރައްވާފަ އެވެ.

އިރާގުގެ ސުންނީންނާއި ޝިޔައީންގެ މެދުގައި ހިނގަމުންދާ ތާއީފީ އަދި މަޛްހަބީ ހަނގުރާމައިގާ ދެފަރާތަށް ނިސްބަތްވާ މިލީޝިޔާތަކުން އާންމުންނާ ދެކޮޅަށް ގަތްލުއާންމުތައް ހިންގައި އެއްބަޔަކު އެނެއްބަޔަކާ ދެކޮޅަށް އަނިޔާވެރި އަމަލުތައ ފުޅާދާއިރާއެއްގައި ހިންގަމުން ގެންދެ އެވެ. މިޖަރީމާތަކުގެ ވޭނާއި ކެކުޅުންތައް ތަހައްމަލް ކުރަމުން ގެންދަނީ ސުންނީނާއި ޝިޔައީންގެވެސް އާންމުންނެވެ.

އިރާގުގެ ބޮޑުބައެއް ހިފައިގެންއުޅޭ އައި ޖަމާއަތަކީވެސް އިރާގުގައި ހިނގަމުންދާ ތާއިފީ ދާޚިލީ ހަނގުރާމައިގެ ތެރެއިން ޝިޔަޢީންނާ ދެކޮޅަށް ބަދަލުހިފުމުގެ ރޫހެއްގައި އުފަންވެފައިވާ ހަތިޔާރުއެޅި ޖަމާއަތެކެވެ. އައިއެސްއިން ހިންގާ ބަދަލުހިފުމުގެ ޖަރީމާތައް އަމާޒުކޮށްފައިވަނީ އިރާގުގެ ޝިޔަޢީންނާއި ބައިމަދު ޖަމާއަތްތަކުގެ އާންމުންނާ ދެކޮޅަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)