27 Jan 2015, 15:38
އިރާޤުގެ ވެރިރަށް ބަޣުދާދަށް ޖެއްސި މަތިންދާބޯޓަކަށް ވަޒަންތަކެއް އަރައި ގެއްލުންތަކެއް ވެއްޖެ އެވެ.
ރޮއިޓާސް ބުނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އަގު ހެޔޮކޮށް ދަތުރުތައް ކުރާ އެއާލައިނެއް ކަމަށްވާ ފްލައި ދުބާއީގެ މަތިންދާ ބޯޓަށް އިއްޔެ ވަޒަންތަކެއް އެރީ ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި ވަގުތު ކަމަށެވެ. އޭވިއޭޝަން އޮފިޝަލަކާއި ސެކިއުރިޓީ އޮފިޝަލަކު ރޮއިޓާސްއަށް ބުނި ކަމަށް އެ އެޖެންސީން ބުނީ މަތިންދާ ބޯޓަށް ވަޒަންތައް އެރުމުގެ ސަބަބުން ދެ ޕެސެންޖަރަކު ކުޑަކޮށް ޒަހަމްވި ކަމަށެވެ. ނަމަވެސް އެއްވެސް ޕެސެންޖަރަކަށް ސިއްހީ އެހީތެރިކަން ހޯދަން ނުޖެހޭ ކަމަށް ފްލައިދުބާ އީން ވަނީ ބުނެފަ އެވެ.
އެ ހާދިސާއާއި ގުޅިގެން އިރާގު ސަރުކާރުން ވަނީ ބަޣުދާދު އިންޓަނޭޝަނަލް އެއާޕޯޓް ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ. ނަމަވެސް މިއަދު ހެނދުނު އަލުން އެއާޕޯޓް ވަނީ އަލުން ހުޅުވާފަ އެވެ.
މަތިންދާ ބޯޓަށް ވަޒަންތައް އެރި ހާދިސާއާ ގުޅިގެން ޔޫއޭއީގެ ޗިވިލް އޭވިއޭޝަން އޮތޯރިޓީން ދިން އިރުޝާދަކަށް ތަބާވެ، އެގައުމުގެ އެމިރޭޓްސް އާއި އިއްތިހާދާއި އެއާ އަރަބިއާ އިން ބަޣުދާދަށް ކުރަމުން ދިޔަ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ.