ތ. ތިމަރަފުށީ ބުލޫނިޔާގޭ އަހްމަދު އަސީލް މަރާލި މައްސަލައިގެ ތުހުމަތުގައި އަށް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އާދަމް އާރިފް މިއަދު 'ސަން' އަށް ވިދާޅުވީ އަސީލް މަރާލި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ މައްސަލަ އެ އޮފީހުން ދިރާސާކުރަމުން އަންނަ ކަމަށެވެ.

އުމުރުން 19 އަހަރުގެ އަސީލް މަރުވެފައި ވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 23 ވަނަ ދުވަހުގެ ރޭ ދިދި ގޯޅިތެރޭގައި ތޫނުހަތިޔާރުން ބަޔަކު އޭނާއަށް ހަމަލާދިނުމުން ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް އެ މަހުގެ 29 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ދައުވާކުރަން ފޮނުވާފައިވާ މީހުންގެ ތެރޭގައި ހިމެނެނީ ހަ މީހަކާއި 18 އަހަރުން ދަށުގެ ދެ ކުއްޖެއްގެ މައްސަލަ އެވެ. އެ އެންމެން ވެސް ތިބީ ފުލުހުންގެ ހައްޔަރުގައެވެ.

ދިދި ގޯޅިތެރޭގައި ހިންގި މާރާމާރީގެ ސަބަބުން އަސީލް މަރުވެފައިވާއިރު 20 އަހަރުގެ މީހަކާއި 13 އަހަރުގެ ކުޑަ ކުއްޖަކު ޒަޚަމްވެފައިވެއެވެ. އެ ދެ މީހުންނަށް ފަރުވާދިނުމަށްފަހު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފަ އެވެ.