27 Jan 2015, 14:41
އިމާރާތް ކުރި އިރު މުޅި ސަރަހައްދަށް ގުޑުން އެރި އެވެ. ބިމުގެ އަޑިއަށް 80 ފޫޓަށް ޕައިލްސްތަކެއް ފެއްތި އެވެ. އިމާރާތް ކޮޅަށް ނެގި އިރު، ރަށު އެންމެން ތިބީ ދެ ލޯ މުދުނަށް އަރާފަ އެވެ. އެ ހޮޓަލަކީ މާލޭގެ އެންމެ އުސް އިމާރާތަށް ވީމަ އެވެ. ހ. އަތިރީގޭގައި އިމާރާތްކޮށްފައިވާ 14 ބުރީގެ އިމާރާތުގެ އެންމެ މަތީގައި ހުންނައިރު ކުޑަކުޑަ މާލެ ވަށައިގެން ވަރަށް ހިތްގައިމު ދުރު ސަރަހައްދެއް ފެނެ އެވެ. އެ އިމާރާތް ދެކެ ގަނެފައިވާ ބިރު، ފަހަނަ އަޅައި ދިޔައީ ހިދުމަތުގެ ކޮލެޓީންނެވެ. ހޮޓަލުން ދައްކައިދިން ރީތި މަންޒަރުންނެވެ.
"ހޮލިޑޭ އިން"ގެ ނަމުގައި ހިންގި އިމާރާތް މަޝްހޫރު ހޮޓެލް ޗެއިނެއް ކަމަށްވާ ޝަންގްރިއްލާއިން ގަނެފައި ވަނީ 2010 ވަނަ އަހަރު އެވެ. ޝަންގްރިއްލާ އިން އެ ހޮޓަލު ގަތުމަށް ފަހު، އެ ހޮޓަލުގެ ނަން "ޓްރޭޑާސް"އަށް ބަދަލު ކުރި އެވެ. އެ ހޮޓަލުގެ ނަމަކީ ވޭތުވެދިޔަ އަހަރު ދިވެހިންގެ މެދުގައި މަޝްހޫރު ބްރޭންޑެކެވެ. އެ ހޮޓަލަކީ ހިދުމަތުގެ އަގަށް ވުރެ ވެސް ހިތްފަސޭހަ ތަނެކެވެ.
ވޭތުވެދިޔަ 25 އަހަރު ދުނިޔޭގެ އެތައް ބައެއްގެ އިތުބާރާއި އިހުތިރާމް ހޯދާފައިވާ ޓްރޭޑާސް ހޮޓަލާއެކު ޝަންގްރިއްލާ އިން މިއަދު ވަނީ ކުރަމުން ދިޔަ ދަތުރުގެ މިސްރާބު ބަދަލުކޮށްފަ އެވެ. ކުންފުނީގެ ދަށުން ހިންގަމުން ދިޔަ ޓްރޭޑާސް ހޮޓަލްތައް މެހަމާނުންނާ އެކުވެރި މާހައުލުތަކަކަށް ދަނީ ބަދަލުކުރަމުންނެވެ. "ހޮޓެލް ޖެން"ގެ ނަަމަށް ރީބްރޭޑް ކުރަމުންނެވެ. ރީބްރޭންޑާ އެކު ހޮޓަލުގެ އަރާމު މާހައުލު ތަޖުރިބާކޮށްލަށް އަޅުގަނޑަށް ފުރުސަތު ލިބުނެވެ. ހޮޓަލުގައި ނިދާލައި، ހިދުމަތްތައް ތަޖުރިބާކޮށްލުމުން ތަފާތުތަކެއް ފެނުނެވެ.
ކޮންމެ ހޮޓަލަކުން ވެސް އެ ހޮޓަލަށް އަންނަ މެހަމާނުންނަށް މަރުހަބާ ކިޔަނީ ވަރަށް ރަސްމީކޮށްނެވެ. ނަމަވެސް ރީބްރޭންޑާ އެކު ހޮޓެލް ޖެންގެ މަރުހަބާ ކިޔުމުގެ "ސްޓައިލް" އަށް ވަނީ ބަދަލެއް ގެނެސްފަ އެވެ. ރަސްމީގޮތްގަނޑު ދޫކޮށް މެހަމާނުންނަށް މަރުހަބާ ކިޔަނީ ގާތް އެކުވެރިއެއް ގޮތަށެވެ. އާއިލާ މެމްބަރެއްގެ ހައިސިއްޔަތުންނެވެ.
"ހޮޓެލް ޖެން އަށް ރީބްރޭޑް ކުރި ނަމަވެސް ހޮޓަލަކަށް މާ ގިނަ ބޮޑެތި ބަދަލުތަކެއް ގެނެސްފައެއް ނުހުންނާނެ. އަޅުނގަޑުމެން ބޭނުން ވަނީ ހޮޓަލަކަށް ވަނުމުން އެ ކުރެވޭ އިހުސާސްގެ ބަދަލުގައި ކޮންމެ ކަސްޓަމަރަކަށް ވެސް މި ވަދެވެނީ ހަމަ އަމިއްލަ ގެއަށް ކަމުގެ އިހުސާސް ކުރުވުން. މިހާރުގެ މާކެޓްތަކަށް އެކަށޭނަ ބްރޭންޑެއް ގެންނަން އަޅުގަނޑުމެން ބޭނުންވީ. އެހެންވީމަ އެކަމަށް އަޅުގަނޑުމެން މި ގެނައީ ކުދިކުދި ބަދަލުތަކެއް،" ހޮޓެލް ޖެންގެ އެސޯސިއޭޓް ޑިރެކްޓާ އޮފް ސޭލްސް އައިމިނަތު ހުދާ ވިދާޅުވި އެވެ.

އެގޮތުން ހޮޓަލުގައި މޫނު ޖެހޭ، ލޮބީ އޭރިއާ އަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ލޮބީގައި މަޑުކޮށްލައިގެން ތިބޭ ގަޑީފައި ލެޕްޓޮޕް ނުވަތަ ފޯނުފަދަ އިލެކްޓްރޯނިކް ސާމާނުތައް ޗާޖުކޮށްލުމަށް ވަނީ "މޮބައިލް ޗާޖިން ސްޓޭޝަނެއް" ގާއިމްކޮށްފަ އެވެ. ކައިރި މުސްތަގުބަލެއްގައި ހޮޓަލުގެ ޖިމާއި ރެސްޓޯރެންޓާއި ގެސްޓުން އައިސް ތިބޭ އޭރިއާތަކުގައި ވެސް އެ ހިދުމަތް ފޯރުކޮށްދޭނެ ކަމަށް އެ ހޮޓަލުން ބުންޏެވެ.
ޖުމްލަ 117 ކޮޓަރިއާއެކު 14 ބުރިއަށް އިމާރާތްކޮށްފައިވާ ފަސްތަރީގެ އެ ހޮޓަލުގެ ކޮޓަރިތަކަށް ވެސް ވަނީ ކުދި ކުދި ބަދަލުތަކެއް ގެނެސްފަ އެވެ. ކޮޓަރީގައި ހުންނަ "މިނީ ބާ" އަށް ކަސްޓަމަރުން ބޭނުންވާ އެއްޗެއް އިތުރުކޮށްފައިވާއިރު، ޒަމާނީ ޖެންގެ ކުލަތަކާއެކު ކޮޓަރިތައް ވަނީ ޒީނަތްތެރިކޮށްފަ އެވެ. ކޮޓަރިތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން ފާހަގަކޮށްލެވޭ ބަދަލަކީ "އިންރޫމް ޑައިނިން" އެވެ.
"ޓޫރިސްޓަކު އައިސްދާނެ ވަރަށް ލަހުން ޗެކިންވާން. އެ ގަޑީގައި ބޭނުންވާނެ ވަގުތުން ކޮންމެ ވެސް އެއްޗެއް ކާލަން އެހާ ދިގު ދަތުރެއްކޮށްފައި އަންނާތީ. އެހެންވީމަ އަވަހަށް ލިބޭ ކަހަލަ މީރު ކާއެއްޗެއް ރޫމުގައި ހުރެފައި އޯޑާކޮށްލުމުން އަޅުގަނޑުމެން ކޮންމެ ގަޑިއެއްގައި ވެސް ގެނެސްދޭނެ،" ހުދާ ވިދާޅުވި އެވެ.
ކަސްޓަމަރުންގެ ހިޔާލުތަކާ ފާޑުކިޔުންތަކަކީ ކޮންމެ ހޮޓަލެއްގެ ވެސް ކާމިޔާބީ އެވެ. އެ ކާމިޔާބީ ހާސިލްކޮށް މެހެމާނުންގެ ހޮޓަލަކަށް ހެދުމަށް ހޮޓެލް ޖެންގެ މެނޭޖްމަންޓުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެކަމަށްޓަކާ ބޭނުންކުރަމުން އަންނަނީ ވަރަށް ވެސް ފުރިހަމަ ނިޒާމެކެވެ.
ކޮންމެ ކޮޓަރީއެއްގައި ހުންނަ "ވޮއިސް" ނަމަކަށް ކިޔާ ކާޑެއްގައި އިންނަ ކިޔުއާރުކޯޑެއް މޮބައިލް ފޯނުން ބާކޮޑް ރީޑްކޮށްލުމުން ޖެންގެ ވައިފައި އަށް ކަނެކްޓްކޮށްފައިވާ ކޮންމެ މީހަކަށް ހިޔާލު ހޯދައި ވެބްސައިޓަކަށް ވަދެވޭނެ އެވެ. އަދި ކަސްޓަމަރުން ޗެކްއައުޓް ވުމުގެ ކުރިން އެ ފޯމް ފުރައި މައްސަލައެއް ހުރިނަމަ ރިޕޯޓް ކުރުމުން ހޮޓަލުގެ މެނޭޖްމަންޓަށް އެކަމެއް ރަނގަޅުކުރުމުގެ ފުރުސަތު ވަގުތުން ލިބެ އެވެ.
"މިސާލަކަށް ސްޓޭއެއްގައި ހުންނަ މީހަކު، މައްސަލައެއް ފެނިއްޖެ ނަމަ ޗެކްއައުޓްވެފައި ދެން ސޯޝަލް މީޑިއާތަކުގައި ޝަކުވާކުރަނީ. މިސާލަކަށް ޓްރިޕް އެޑްވައިޒާގައި ވެސް ނެގަޓިވް ފީޑްބެކް ދީފާނެ. އޭގެ ބަދަލުގަ އަޅުގަނޑުމެން މިހާރު ބޭނުންވަނީ އެހެން އުސޫލެއް. ބާކޯޑް ރީޑްކޮށްލީމަ ޖެންގެ ވައިފައިން ކަނެކްޓްކޮށްފަ އިނިއްޔާ ވަގުތުން އެ ޕޭޖަށް ގެންގޮސްދޭނެ. ދެން ކަސްޓަމަރު ސާވޭ ފިލްކޮށްލީމަ އަޅުގަނޑުމެން މެނޭޖްމަންޓްގެ ހުރިހާ ބަޔަކަށް އެ މެސެޖް އައުމުން ވަގުތުން މައްސަލަ ހައްލު ކުރާނަން،" ހޮޓަލުގެ އަގު ހިފެހެއްޓުމަށް ކަސްޓަމަރުންގެ ހިޔާލު ހޯދުމުގެ އާ އުސޫލާ ގުޅޭގޮތުން ހުދާ ކިޔާދިނެވެ.
އެއާއެކު ދުނިޔޭގައި އަދި ހާއްސަކޮށް ރާއްޖޭގައި ފާހަގަކުރާ ތަފާތު ދުވަސްތަކަށް ޖެންގެ ޔުނީފޯމް ބަދަލުވެ އެވެ. ހާއްސަކޮށް ޖެންގެ ލައިމް ރެސްޓޯރެންޓުގައި ތިބޭ މުއައްޒަފުންނެވެ. އެގޮތުން ޖުމްހޫރީ ދުވަހެއް އަތުވެއްޖެ ނަމަ ގައުމީ ހެދުންތަކަކަށް މުއައްޒަފުންގެ ޔުނީފޯމް ބަދަލުވެ އެވެ. ދުވަހާ ގުޅޭ ކެއުންތައް ހެނދުނާއި މެންދުރު އަދި ރޭގަނޑަށް ރެސްޓޯރެންޓުގައި ތައްޔާރުކޮށްދެ އެވެ. އިންޑިއާގެ ޖުމްހޫރީ ދުވަހާ ގުޅޭ ހެނދުނުގެ ކެއުމެއް އަޅުގަނޑަށް ލިބުނެވެ.
ރާއްޖޭގައި ހުރި ހަމައެކަނި އިންޓަނޭޝަނަލް ހޮޓަލުގެ މަގާމުގައި ޖެން ހޮޓަލް އޮތް ނަމަވެސް، ޒަމާން ބަދަލުވެ ރާއްޖެ އަށް އިންވެސްޓަރުންގެ ޝައުގުވެރިކަން ދަނީ ލިބެމުންނެވެ. މާނައަކީ ދުރުނޫން މުސްތަގްބަލެއްގައި ޖެން ހޮޓަލާ ވާދަކުރަން އެތައް ހޮޓަލެއް ރާއްޖޭގައި ހުޅުވޭނެ ކަމެވެ. ނަމަވެސް އެކަމަށް ޖެން ހޮޓެލް އޮތީ ތައްޔާރަށެވެ.
"އަޅުގަނޑުމެން އިންޓަނޭޝަނަލް ފެންވަރުގައި ބޮޑަތި ކެމްޕޭނުތައް ވެސް ހިންގާނަން. ލޯކަލްސް އަށް ވެސް ބޮޑަށް ޑައިނިން އެކްސްޕީރިއަންސް ކުރަން އަޅުގަނޑުމެން މި އިންވައިޓް ކުރަނީ. ގިނަބަޔަކަށް ފީލްވަނީ ޝަންގްރިއްލާ އިން މިތަން ވިއްކާލީއޭ ނުވަތަ ސާވިސް ލެވެލް ދައްވާނެ އޭ. އެކަމް މިއީ ހަމަ ޝަންގްރިއްލާ ލެވެލްގެ ހޮޓަލެއް،" ހުދާ ވިދާޅުވި އެވެ.
ރާއްޖޭގައި ޓްރޭޑާސް ހޮޓަލަކީ ހޮޓެލް ޖެން އަށް ރީބްރޭޑްކުރި ދުނިޔޭގެ ހަތް ވަނަ ހޮޓަލެވެ. އަދި މިއަހަރުގެ ނިޔަލަށް ދުނިޔޭގެ އެކި ތަންތަނުގައި ހުރި ޓްރޭޑާސް ހޮޓާތަކުގެ ތެރެއިން 10 ތަނެއް ޖެން އަށް ރީބްރޭންޑް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ. ޖެންގެ "ޖެން ފީލިން" ތަޖުރިބާކޮށްލަން ކޮންމެ ދިވެއްސަކަށް ވެސް އެ ހޮޓަލުން މަރުހަބާ ކިޔަ އެވެ.