ފޭސްބުކް އާއި އިންސްޓެގްރާމް މިއަދު ޑައުންކޮށްލީ ފަހަކަށް އައިސް ގިނަ ވެބްސައިޓްތަކެއް ހެކްކޮށްފައިވާ ހެކަރުންގެ ގްރޫޕް "ލިޒާޑް ސްކޮޑް" އިން ކަމަށް އެ ގްރޫޕުން ދައުވާކޮށްފި އެވެ.

ލިޒާޑް ސްކޮޑްގެ ޓްވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ފޭސްބުކް އާއި އިންސްޓަގްރާމާއި އެއިމްއާއި އާއި ހިޕްޗެޓް އޮފްލައިން ކަމަށެވެ.

އެ ވެބްސައިޓްތަކަށް ޑީޑޮސް ހަމަލާތައް ދިން ގޮތް ދައްކުވައިދޭ ޗާޓެއް ވެސް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ. އެ ޗާޓުން ފެންނަ ގޮތުން ޑީޑޮސް އެޓޭކްތައް އެންމެ ބޮޑަށް ދީފައި ވަނީ އެމެރިކާ އާއި ރަޝިއާއި ނެދަލެންޑަށެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް) އަށް ތާއީދުކުރާ ކަމަށް ބުނާ ލިޒާޑް ސްކޮޑް މީހުންގެ ސަމާލު ކަމަށް ބޮޑަށް އައިސްފައި ވަނީ މެލޭޝިއާ އެއާލައިންގެ ވެބްސައިޓަށް އިއްޔެ ދިން ހަމަލާއާ ގުޅިގެންނެވެ. އެވެބްސައިޓަށް އަދިވެސް ހަމަލާދޭނެ ކަމަށް ދޭހަވާ ގޮތަކަށް އެގްރޫޕުން ވަނީ ފަހުން ވެސް މެސެޖެއް އާއްމުކޮށްފައެވެ.

ސޮނީ ޕްލޭސްޓޭޝަން ނެޓްވޯކާއި މައިކްރޯސޮފްޓްގެ އެކްސްބޮކްސް މިދިޔަ ޑިސެމްބަރު މަހު ހެކްކުރިކަމުގެ ޒިންމާ ވެސް ލިޒާޑް ގްރޫޕުން އުފުލާފައި ވެއެވެ.

މައްސަލަ ދިމާވި ވަގުތު ފޭސްބުކް ބޭނުން ކުރަން އުޅުނު މީހުންނަށް ބައެއް ގައުމްތަކުގައި ލިބުނު މެސެޖްގައި އޮތީ އެ އެވެބްސައިޓް ޑައުން ވެފައިވާ ކަމަށާއި އެކަން ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސޯޝަލް މީޑިއާ ފޭސްބުކް އަކީ ވަކި ވަކި ފަރުދުންގެ އިތުރުން އެކި ކުންފުނިތަކާއި ގައުމުތަކުގެ ދައުލަތުގެ އިދާރާތަކާއި ނިއުސް އެޖެންސީ ތަކުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި ބޭނުން ކުރަމުން އަންނަ ވެބްސައިޓެކެވެ.

ފޭސްބުކް ޑައުން ވުމާ ގުޅިގެން ސޯޝަލް މީޑިއާ ޓްވިޓާގައި އުފައްދާފައިވާ ފޭސްބުކްޑައުން ހޭޝްޓެގް މިހާރު ވަނީ ދުނިޔޭގެ ހުރިހައި ހިސާބެއްގައި ވެސް އެންމެ ޓްރެންޑިން ހޭޝްޓެގަށެވެ. އަދި އޭގެ އިތުރުން "ތިންގްސް އައި ޑިޑް ވެން ފޭސްބުކް ވޯޒް ޑައުން" ވެސް ވެފައި ވަނީ ޓްރެންޑިން ހޭޝްޓެގަކަށެވެ