27 Jan 2015, 14:11
ޖަރުމަނުގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ އެފްސީ ނާންބާގްގައި އެޓޭކިންގް މިޑްފީލްޑަރެއްގެ މަގާމް އަދާކުރަމުން އަންނަ ފުޓްބޯޅަ ކުޅުންތެރިޔާ ޑެނީ ބްލަމް އިސްލާމް ވެއްޖެއެވެ.
އިސްލާމް ވުމަށްފަހު އެކަމާ ބެހޭގޮތުން ޖަރުމަނުގެ ބިލްޑް ނޫހާ ވާހަކަ ދައްކަމުން ބްލަމް ބުނީ އޭނާ އިސްލާމް ވާން ނިންމީ އިސްލާމް ދީނުން އޭނާއަށް އުންމީދާއި ހިތްވަރު ލިބޭތީ ކަމަށާއި، ނަމާދު ކުރުމުން އޭނާއަށް ވަރަށް ހިންހަމަ ޖެހުން ލިބޭ ކަމަށެވެ. އަދި އިސްލާމް ވުމުގެ ކުރިން އޭނާއަކީ ވަރަށް ރުޅިގަދަ މިޒާޖެއްގެ މީހެއް ކަމަށާއި، އޭގެ ކުރިން އޭނާ އުޅުނީ ދާނެ ވަކި ދިމާލެއް ނޭންގިގެން ކަމަށްވެސް އޭނާ ބުންޏެވެ.
"އިސްލާމް ވުމުން އަހަންނަށް އިތުރު ހިތްވަރެއް ލިބި، އުންމީދު އާ ވެގެން ދިޔަ. އަދި ނަމާދަކީ އަހަރެންނަށް ވަރަށް ހިތްހަމަޖެހުން ލިބޭ ކަމެއް. އޭގެ ކުރިން އަހަންނަކީ ވަރަށް ރުޅިގަދަ މީހެއް. އަދި އަހަރެން އުޅެމުން ދިޔައީ ވަރަށް ތާކުންތާކު ނުޖެހޭ ގޮތަކަށް. އޭރު އަހަރެން އުޅުނީ ދާންވީ މިސްރާބު ނޭންގޭ މީހެއްގެ ގޮތުގައި،" ބްލަމް ބުންޏެވެ.
ބްލަމް އިސްލާމްވާން ނިންމީ މީގެ ދެ ތިން ހަފްތާ ކުރިންނެވެ. އޭނާ ބުނި ގޮތުގައި އިސްލާމް ވުމުގެ ކުރިން އޭނާ އުޅެމުން ދިޔައީ އެއްވެސް ޒިންމާއެއް ނެތްފަދަގޮތަކަށް އުފަލާއި މަޖަލުގައެވެ. އެގޮތަށް އުޅުމުން ފަހުން ވާނެގޮތަކާމެދު ވިސްނެން ފެށުމުން ރަހުމަތްތެރިންނާ އެކަމާ ބެހޭގޮތުން ވާހަކަދެއްކި ކަމަށް ބްލަމް ބުންޏެވެ.
ބްލަމް ބުނި ގޮތުގައި އޭނާ އިސްލާމް ދީނަށް ޝައުގުވެރިކަން އުފެދުނީ އެ ދީނުގެ ވާހަކަ ރަހުމަތްތެރިންނާއެކު ދެކެވުމުގެ ތެރޭގައެވެ. އަދި ފުރަތަމަ ފަހަރަށް މިސްކިތަކަށް ދިޔުމުން، އޭނާގެ ހިތުގައި އެކަމާމެދު އިތުރަށް ޝައުގުވެރިކަން އުފެދި، އިސްލާމް ދީނަކީ އޭނާއަށް ރަނގަޅު ދީނެއްކަން ބަލައިގަނެވުނު ކަމަށް އޭނާ ބުންޏެވެ.
އިސްލާމް ވުމަށްފަހު މިހާރު ދުވާލަކު ފަސް ވަގުތު ނަމާދުކޮށް، ހަލާލު ކާނާ ކެއުމަށް އިސްކަން ދެމުން އަންނަ ބްލަމް ބުނީ އެނާ އިސްލާމްވި ވާހަކަ އޭނާގެ މައިންބަފައިން ކައިރީ ބުނަން ފުރަތަމަކޮޅު ބިރުގައިން ކަމަށެވެ. ނަމަވެސް އެމީހުން ކައިރީ އެވާހަކަ ދެއްކުމުން، ކްރިސްޓިއަން ދީނަށް ތަބާވާ އޭނާގެ މަންމަ އާއި ބައްޕަ އެކަން މިހާރު ބަލައިގެންފައި ވާކަމަށްވެސް އޭނާ ބުންޏެވެ.
"މަންމަމެން ކައިރީ ބުނަން ފުރަތަމަ ވަރަށް ބިރުގައިން. ނަމަވެސް އެމީހުނަށް އެކަން އިނގުމުން އެމީހުން ބުނީ އެއީ އަހަންނަށް ފެންނަ އެންމެ ރަނގަޅު ގޮތް ކަމަށް ވާނަމަ، އެގޮތުގައި ދެމި ހުންނާށޭ. އިސްލާމް ދީނަކީ ވަރަށް ސުލްހަވެރި ދީނެއް. އެ ދީނުގައި ގަދަކަމުން މީހަކު ލައްވާ ކަމެއް ކުރުވުމެއް ނޯވޭ. އެއީ އެމީހެއްގެ ހިތުގެ އިހުލާސްތެރިކަމުގެ މައްޗަށް ބިނާވެފައިވާ ދީނެއް،" ބްލަމް ބުންޏެވެ.
ގާތްގަނޑަކަށް ހަތަރު މިލިއަން މުސްލިމުން އުޅޭ ކަމަށް ބެލެވޭ ޖަރުމަކީ ޔޫރަޕްގެ ގައުމުތަކުގެ ތެރޭގައި އިސްލާމް ދީން އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ގައުމެވެ. ޖަރުމަނުގެ އިތުރުން ފްރާންސް އާއި ޔޫކޭ އަދި އެމެރިކާގައިވެސް އިސްލާމް ދީން ވަރަށް ބާރަށް ފެތުރެމުން އަންނައިރު، މިޙާރު ދުނިޔޭގައި އެންމެ ބާރަށް ފެތުރެމުން އަންނަ ދީނަކީވެސް އިސްލާމް ދީން ކަމަށް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.