27 Jan 2015, 13:28
މ. މަޑުއްވަރީ ކައިރީގައި އޮންނަ ފިނޮޅު ތޮށިމަތީގައި ތާށިވެފައި އޮތް ފެހުރިހި މިދިޔަ ހުކުރު ދުވަހު ސަލާމަތްކޮށްދިން ހަތަރު މީހުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެ ގޮތުން އެމީހުންނަށް ހަނދާނީ ލިޔުންދީފި އެވެ.
ތިމާވެއްޓާއި ދިރޭތަކެތީގެ ނަސްލު ރައްކާތެރި ކުރުމަށްޓަކައި ކޮށްދެއްވި ޚިދުމަތުގެ އަގު ވަޒަން ކުރެއްވުމަށް އެ ހަތަރު މީހުންނަށް ހަނދާނީ ލިޔުން ހަވާލު ކޮށްފައިވަނީ އެންވަރަމެންޓް މިނިސްޓްރީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.

ފެހުރިހި ސަލާމަތްކޮށްދިން ހަތަރު މީހުންނަށް ހަނދާނީލިޔުން ދެނީ ---- ސަން ފޮޓޯ: އަލީ ނަސީރު
މަޑުއްވަރީގެ ތިން މީހުން ކަމަށްވާ އަބްދުލް ލަތީފު އަބްދުލްރަހްމާނާއި މުހައްމަދު ޝައުކަތު އާއި މުހައްމަދު ސިރާޖު އަދި މާލޭ ދަފްތަރު 0240 އަބްދުލްޣަނީ މުހައްމަދަށް އެމީހުން ކުރި މަސައްކަތުގެ އަގުވަޒަން ކުރުމުގެގޮތުން ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ އެންވަރަމެންޓް މިނިސްޓަރު ތޯރިގު އިބްރާހިމް އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ތޯރިގު ވިދާޅުވީ އާބާދީ ނެތިގެންދާނެ ކަމުގެ ބިރު ހީވެފައިވާ ދިރުންތައް ރައްކާތެރި ކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި އެފަދަ ތަކެއްޗައް ގެއްލުން ދެމުންދާ މީހުންގެ ސަބަބުން ތިމާވެށި ރައްކާތެރި ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ތޯރިގު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: އަލީ ނަސީރު
ފެހުރިއްސާއި މަޑި އަދި މިޔަރުގެ ހުރިހާ ބާވަތަކީ ރާއްޖޭގައި ގާނޫނީ ގޮތުން ހިމާޔަތް ކުރެވިފައިވާ ދިރުންތަކެކެވެ. އެފަދަ ތަކެތި ހިމާޔަތް ކޮށްފައިވަނީ އޭގެ އާބާދީ ނެތިގެން ދާނެ ކަމުގެ ބިރު ހީވާތީ އެކަމަށް ޚާއްސަ ރައްކާތެރިކަމެއް ދިނުމުގެ ގޮތުންނެވެ.