09 Feb 2011, 17:32
މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން )އެމްބީސީ( އުފެއްދުމުގެ ގާނޫނަކީ އަމަލު ކުރުމަށް އަދި ތަންފީޒު ކުރުމަށް މުސްތަހީއްލު ގާނޫނެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ސިވިލް ކޯޓުގައި މިއަދު ބުނެފި އެވެ.
އެމްބީސީގެ ފަރާތުން ދައުލަތާއި އެމްއެންބީސީގެ މައްޗަށް ދައުވާ ކުރާ މައްސަލައިގެ ޝަރީއަތުގައި ބަންޑާރަ ނައިބު އޮފީހުގެ ވަކީލާ ސަފާ ޝަރީފް ވިދާޅުވީ އެމްއެންބީސީއަށް ލިބިފައިވާ ހައްގެއް އެމްބީސީގެ ގާނޫނުން އެމްބީސީއަށް ބަދަލު ކުރުމަކީ އެމްއެންބީސީގެ ހައްގު ގެއްލިގެންދާނެ ކަމެއް ކަމަށެވެ. އަދި އެއްވެސް ގާނޫނަކީ އެހެން ގާނޫނުތަކަށް ވުރެ އިސްވެ، ހާއްސަވާނެ ގާނޫނެއް ނޫން ކަމަށް ފާހަގަ ކުރައްވަމުން ވަކީލާ ވިދާޅުވީ އެމްބީސީގެ ގާނޫނަކީ އަމަލު ކުރުމަށް އަދި ތަންފީޒު ކުރުމަށް މުސްތަހީއްލު ގާނޫނެއް ކަމަށެވެ.
ވަކީލާ ވިދާޅުވީ އެމްބީސީގެ އުފެއްދުމުގެ ކުރިން ޑިސެމްބަރު 22، 2008 ގައި ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުން އެމްއެންބީސީއަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީގެ 250 ވަނަ މާއްދާގައި ބުނެފައިވާ ގޮތަށް ދައުލަތުގެ މުދާ އެހެން ފަރާތަކަށް ބަދަލު ކުރެވިދާނެ ކަމަށާއި ދައުލަތުގެ ދެ އިދާރާ ކަމަށްވާ ޓީވީއެމާއި ދިވެހިރާއްޖޭގެ އަޑުގެ މުދަލާއި މުވައްޒަފުން އެމްއެންބީސީއަށް ބަދަލުކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އެދުނީ އެމްއެންބީސީގެ ފަރާތުން އެމްބީސީއަށް ދޭން ޖެހޭ އެއްވެސް ހައްގެއް އަދި މުދަލެއްނުވާނެ ކަމަށް ކަނޑައަޅައިދިނުމަށާއި މިކަމުގައި ދައުލަތުގެ އެއްވެސް ޒިންމާއެއްނުވާކަން ކަނޑައަޅައިދިނުމަށެވެ.
އެމްއެންބީސީ އާއި އެމްއެންބީސީގެ ބޯޑު މެންބަރުންގެ ފަރާތުން ގާނޫނީ ވަކީލު އިސްމާއިލް ވިޝާލް ވިދާޅުވީ ގާނޫނާ އެއްގޮތަށް މުދާ ބަދަލުކޮށްފައިވާ ނަމަ އެއީ ކުރެވޭނެ ކަމެއް ކަމަށް އެމްބީސީން ކުރީ ދުވަހުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވާ ކަމަށެވެ. އަދި އެމްއެންބީސީގެ މައްޗަށް މުދާ ބަދަލުކޮށްފައި ވާނީ އޭރު އަމަލު ކުރަމުން ދިޔަ މާލިއްޔަތު ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ.
ވަކީލު ވަނީ ކުރިން އެމްއެންބީސީގެ ފަރާތުން ހުށަހަޅާފައިވާ ބަޔާނުގައިވާ ގާނޫނީ ނުކުތާއެއް ބަދަލު ކުރުމަށް އެދިފަ އެވެ. އެމްއެންބީސީން އޭރު ބުނެފައި ވަނީ މުދާ ބަދަލުކޮށްފައި ވަނީ މާލިއްޔަތު ގަވާއިދުގެ 7.03 ގެ ދަށުން ކަމަށެވެ. އެމްބީސީގެ ވަކީލާ އަދި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެފައި ވަނީ އެ މާއްދާގެ ދަށުން މުދާ ބަދަލު ނުކުރެވޭނެ ކަމަށެވެ. މިހެން އާޒިމާ ވިދާޅުވެ ބަޔާން ހުށަހަޅުއްވާފައި ވަނިކޮށް އެމްއެންބީސީގެ ވަކީލު މިއަދު ވިދާޅުވީ 7.03 ކަމަށް ލިޔެވިފައި ވަނީ ލިޔުމުގެ ކުށަކުން ކަމަށާއި ރަނގަޅު ގޮތަކީ 7.02 ކަމަށެވެ.
އާޒިމާ ވަނީ އެ އިސްލާހު ގެނައުމަށް ފުރުސަތު ދިނުމަށް އިންކާރު ކުރައްވައިފަ އެވެ. އަދި މައްސަލަ ފެށުމުގެ ކުރިން ވިޝާލް އެމްއެންބީސީގެ ވަކީލެއްގެ ހައިސިއްޔަތުން ވަޑައިގަތުމުން އެކަން ވެސް އާޒިމާ ފާހަގަ ކުރެއްވި އެވެ. އާޒިމާ ވިދާޅުވީ ވިޝާލަކީ ކުރިން އޭނާގެ ލޯފާމުގައި މަސައްކަތް ކުރި ވަކީލެއް ކަމަށާއި އެމްބީސީ މައްސަލަ ދިރާސާ ކުރި އިރު ވެސް މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ވިޝާލް ވިދާޅުވީ އޭނާ ހާޒިރުވީ އެންމެ ބައްދަލުވުމަކަށް ކަމަށާއި މިކަމުގައި މައްސަލައެއްވާ ކަމަށް ދެކިވަޑައިނުގަންނަވާ ކަމަށެވެ.